








ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ "ސެކަންޑް ސެމިނާރ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ގްރީން އިންޑަސްޓްރީ" ގައި ދިވެހިރާއްޖޭގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.
ޗައިނާ-އެސްސީއޯ ފްރޭމްވޯކްގެ ދަށުން މި އޮގަސްޓް މަހުގެ 8 އިން 18 އަށް ކުރިއަށްގެންދާ މި ސެމިނާރގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ.
މި ސެމިނާރ ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ ނިޒާމް ވަނީ ފެށުމުގެ ބަސް ވިދާޅުވެފައެވެ. އޭނާގެ ވާހަކައިގައި، ތިމާވެއްޓާ ރައްޓެހި ފެހި ޞިނާޢަތްތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް އަދި ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.








