








ނިއުރޭޑިއަންޓަށް ގައްދޫ އިން މަރުހަބާކިޔަނީ..ފޮޓޯ: ގައްދޫ ކައުންސިލް
މިއަދަކީ ދިވެހި ފުޓްބޯޅައިގެ ވަރަށް ތާރީޚީ ދުވަހެކެވެ. ސަބަބަކީ މިއީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ކުޅިވަރު، އެކުޅިވަރުގެ ހަގީގީ މާނައިގައި ދިވެހިންނަށް ހަމަހަމަކަމާއެކު އޭގެ ފޮނިމީރުކަން ލިބުމުގެ ދޮރު ރަސްމީ ސިފައެއްގައި ހުޅުވިގެންދާ ދުވަހަށް ވަތީއެވެ.
ކޮރަޕްޝަނާއި ފަސާދައިގެ ކަޅު ވިލާގަޑެއްގައި ޖެހި ދިވެހިން އެކުޅިވަރަކަށް މަރުދެމުންދިޔަ ފުޓްބޯޅަ ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރުމަށް ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން ޒަމާނުއްސުރެ ފުޓްބޯޅައިގެ ސަޕޯޓަރުން ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށް ވީއެވެ.
އާދެ! ދިވެހި ފުޓްބޯޅައިގެން ތާރީޚުގައި ފުރަތަމަ ފަހަރަށް ގައުމީ ލީގުގެ މެޗުތައް ހޯމް އެންޑް އަވޭގެ އުސޫލާއެކު މާދަމާ ފެށިގެންދާނެއެވެ. އެގޮތުން އަތޮޅު ތެރޭގައި ކުޅޭ ޕްރެމިއާ ލީގުގެ ތާރީޚީ ފުރަތަމަ މެޗު ކުޅުމަށް ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއްކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މިވަގުތު ތިބީ ގދ. ގައްދޫގައެވެ.
މިމެޗަށް ތައްޔާރުވުމުގެ ގޮތުން މީގެ ހަފްތާއެއް ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހުވަދު އަތޮޅަށް ދަތުރުކޮށް ތިނަދޫ ސިޓީގައި ވަނީ ކޭޕްކޮށްފައެެވެ. އަދި އެޓީމު ބުދަ ދުވަހު ގައްދޫއަށް ދިއުމުން އެރަށުން ވަނީ ނިއުގެ ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މީގެ ކުރިން ގައުމީ މުބާރާތް އަދި ނެޝަނަލް ޓީމުތަކުގެ ބައެއް މެޗުތައް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ކުޅުނު ކަމުގައިވީނަމަވެސް، ޕްރެމިއާ ލީގުގެ މެޗުތައް ކުޅެމުން އައީ ގަލޮޅު ދަނޑުގައި އެކަންޏެވެ. ނަމަވެސް ދިވެހި ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެވުނު ތާރީޚީ ބަދަލާތަކާއެކު ގައްދޫގެ އިތުރުން ދިއްދޫގައި ވެސް މި ސީޒަނުގެ ދިވެހި ޕްރެމިއާ ލީގު މެޗުތައް ކުޅެވިގެންދާނެއެވެ.
މި ސީޒަނުގެ ދިވެހި ޕްރެމިއާ ލީގުގައި ޖުމްލަ 10 ޓީމު ވާދަކުރާއިރު، ލީގު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކުލަބުން މިރޭ ގަލޮޅު ދަނޑުގައި ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
ލީގުގެ ދެވަނަ މެޗުގައި ހުކުރު ދުވަހު ހަވީރު ގައްދޫ ފޯޓްބޯޅަ ދަނޑުގައި ނިއުރޭޑިއަންޓާއި ގާއްދޫ ވާދަކުރާއިރު، ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ހަވީރު އީގަލްސް އާއި ބިސް ބުރު ގަލޮޅު ދަނޑުގައި ވާދަކުރާއިރު، ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ދިއްދޫ އިން ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ








