ދުނިޔޭގެ ޓެކްނޮލޮޖީ ދުނިޔެ އިންތިޒާރުކުރަމުން އައި އެޕަލް ކުންފުނީގެ ޚާއްޞަ "ސަޕްރައިޒް އެންޑް ޝައިން" އިވެންޓް މިރޭ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ވެފައެވެ.
މިއީ ސެޕްޓެމްބަރު 1 ގައި އެޕަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމާ ހަވާލުވެވަޑައިގެންނެވި ޖޯން ޓަރނަސް، ކުންފުނީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސްޓޭޖަށް އަރާވަޑައިގަންނަވާ ފުރަތަމަ އިވެންޓެވެ.
އައު އުފެއްދުންތަކުގެ ބޮޑު ސިލްސިލާއެއް ބާޒާރަށް ނެރުމަށް އެޕަލް އިން ރާވާފައިވާއިރު، މިރޭގެ އިވެންޓުގައި އިޢުލާނުކުރާނެ ކަމަށް ބެލެވޭ މައިގަނޑު ކަންކަން ވަނީ ތިލަވެފައެވެ.
މިރޭގެ އިވެންޓުން އެންމެ ބޮޑަށް އިންތިޒާރުކުރެވޭ އުފެއްދުންތައް: ( މިއީ މި ޕްރޮޑްކްޓުތަކާއި ގުޅިގެން އަޑުފެތުރިފައިވާ އަދި ދުނިޔޭގެ ބޮޑެތި ޓކް މީޑިއާތަކުންވެސް ރިޕޯޓުކުރަމުންދާ ކަންކަން)
- ފަތްޖެހޭ ފުރަތަމަ އައިފޯން ("އައިފޯން އަލްޓްރާ"): މިރޭގެ އެންމެ ބޮޑު ސަޕްރައިޒަކަށް ވާނީ ފަތްޖަހާލުމުން ޕާސްޕޯޓެއްގެ ސައިޒަށް ކުޑަވާ، އެތެރޭގައި ބޮޑު ޑިސްޕްލޭއަކާއި ބޭރުގައި ކުޑަ ސްކްރީނެއް ހިމެނޭ ފަތްޖެހޭ އައިފޯނެވެ. އެޕަލްގެ އައު އޭ20 ޕްރޯ ޗިޕާއި އަމިއްލަ ސީ2 މޮޑެމް ހިމެނޭ މި ފޯނުގެ އަގު 2,000 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
- އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް: ފޯނު ހޫނުވިޔަ ނުދިނުމަށް ގެނެސްފައިވާ "ވޭޕަރ ޗެމްބަރ" ފިނިކުރާ ނިޒާމާއި، ދިގު މުއްދަތަކަށް ބޭނުންކުރެވޭ ބެޓެރީ އަދި ފޮޓޯ ނެގުމަށް އައު މެކޭނިކަލް އެޕަޗަރ ސިސްޓަމެއް ހިމެނޭނެއެވެ. މީގެ އިތުރުން ގަދަ ރަތް އަދި މަޑު ނޫ ކުލައިގެ އައު މޮޑެލްތައް ފެނިގެންދާނެއެވެ.
- އެޕަލް ވޮޗް ސީރީޒް 12 އަދި އަލްޓްރާ 4: އައު ސެންސަރުތަކާއެކު ދުވަސް އެއްކޮށް މެދުކެނޑުމެއްނެތި ހިތުގެ ވިންދު ވަޒަންކުރެވޭ ނިޒާމާއި، ސިރީ އޭއައި އެންމެ ފުރިހަމައަށް ހިންގުމަށް ހަރުކޮށްފައިވާ އައު ޕްރޮސެސަރުތަކާއެކު ސިރެމިކް ކޭސްގެ މޮޑެލްތައް ދައްކާލާނެއެވެ.
- އެއަރޕޮޑްސް 5: އާދައިގެ މޮޑެލްއާއި ނޮއިސް ކެންސެލިންގ ހިމެނޭ ދެ ވައްތަރެއްގެ އައު އެއަރޕޮޑްސް އިޢުލާނުކުރާނެއެވެ. ނަމަވެސް އޭއައި ކެމެރާ އެކުލެވޭ އެއަރޕޮޑްސް ފެންނާނީ އަންނަ އަހަރު ކަމަށް ވެއެވެ.
- އެޕަލް ޓީވީ އަދި ހޯމްޕޮޑް މިނީ: އަވަސް އައު ޗިޕްތަކާއެކު ސިރީ އޭއައި ސަޕޯޓްކުރާ ގޮތަށް އަޕްގްރޭޑްކޮށްފައިވާ އައު މޮޑެލްތައް ފެނިގެންދާނެއެވެ.
މީގެއިތުރުން، ކުރިއަށް އޮތް މަސްތަކުގައި ނުކުންނަން ހުރި އޯލެޑް ސްކްރީނުގެ އައިޕެޑް މިނީ، އެމް6 ޗިޕުގެ އައު ކޮމްޕިއުޓަރުތައް، އަދި އެޕަލްގެ ތާރީޚުގައި ނެރޭ ފުރަތަމަ ޓަޗްސްކްރީން މެކްބުކް ޕްރޯއާއި 7 އިންޗީގެ ސްމާޓް ހޯމް ހަބާ ގުޅޭ ބައެއް އިޝާރާތްތައް މިރޭގެ ޕްރެޒެންޓޭޝަނުން ފެނިގެންދާނެ ކަމަށް ޓެކް މުރާސިލުން ލަފާކުރެއެވެ.