.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)


.jpeg?w=2048&q=75)
އުތުރު ތިލަފަޅު
ތިލަފުށީ ބަނދަރު މަޝްރޫޢު ވަކި ޤައުމަކަށް އިސްކަންދީފައެއް ނުވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ތިލަފުށީގައި ތަރައްޤީކުރާ އައު ބައިނަލްއަޤްވާމީ ބަނދަރުގެ މަޝްރޫޢުގައި، އެހެން ޤައުމުތަކަށްވުރެ ބޮޑަށް ވަކި ޚާއްޞަ ބޭރުގެ ބައިވެރިއަކަށް ދިވެހި ސަރުކާރުން އިސްކަންދީފައިވާކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މީގެއިތުރުން މި ނިންމުން ނިންމުމުގައި ހަމައެކަނި ބަލާފައިވަނީ ދިވެހިރާއްޖޭގެ ދިގު ރާސްތާގެ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް ކަމަށާއި މިއީ އެއްވެސް ބައިވެރިއަކާމެދު ގޮތް ނިންމުމެއް ނުވަތަ އެ ފަރާތްތަކާ މެދު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް އައިކަން ދޭހަކޮށްދޭ ކަމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ ބަނދަރު ތަރައްޤީކުރުމާއި، މިލްކުވެރިކަމާއި އަދި ހިންގުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށާއި، ޤާނޫނާއި ޤައުމީ މަޞްލަޙަތު ތަންދޭ މިންވަރަށްވުރެ އިތުރަށް، ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ނިންމުންތަކުގެ މައްޗަށް އެއްވެސް ބާރެއް ފޯރުވުމުގެ ޙައްޤު ކުރީގެ ވިޔަސް އަދި މިހާރުގެ ވިޔަސް އެއްވެސް ބައިވެރިއަކަށް ލިބިގެން ނުވާކަމަށެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ތިލަފުށީ ބަނދަރަކީ ދިވެހި ރައްޔިތުންނަށާއި ޤައުމުގެ ދިގު ރާސްތާގެ ފާގަތިކަމަށް ޚިދުމަތްކުރުމަށް ތަރައްޤީކުރެވޭ ތަނެއް ކަމަށާއި މި މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގެ ޤާއިމުވެފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ އެއްވެސް ބައިވެރިއަކާމެދު ވަކި ގޮތެއް ދެއްކުމުގެ ގޮތުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ހުރިހާ ބައިވެރިންނަކީވެސް ދިވެހިރާއްޖެއިން އަބަދުވެސް އަގުވަޒަންކުރާ ފަރާތްތަކެކެވެ."
ސަރުކާރުގެ "ދިވެހިރާއްޖެ އިސްކުރުން" (މޯލްޑިވްސް-ފަސްޓް) ޚާރިޖީ ސިޔާސަތަކީ، އަބަދުވެސް ދިވެހިރާއްޖޭގެ ސިޔާދަތާއި ޤައުމީ މަޞްލަޙަތަށް އިސްކަންދީގެން، ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންނާއެކުވެސް ބިނާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ސިޔާސަތެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
.jpg?w=3840&q=75)



