
އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު" ގެ ޕޯޓު ތަރައްޤީކުރުމާ، އެ މަޝްރޫޢާއި ގުޅުންހުރި އިތުރު މަސައްކަތްތައްކުރުމަށް ޔޫއޭއީގެ ސަޙް ގުރޫޕާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެސްޓީއޯއާ ގުޅިގެން ކުރިއަށްގެންދާ އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީކުރުމުގެ ކަންކަން ކުރިއަށްގެންދަން ފަހުމުނާމާގައި އިޤްިތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު މުޙައްމަދު ސަޢީދުއެވެ. ސަޙް ގްރޫޕުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު އިބްރާޙީމް ޢަލީ މުތާވާއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމްއެވެ.
މިމަޝްރުޢޫގެ ދަށުން އިހަވަންދިޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީކުރާއިރު، މި ބަނދަރާއެކު ވެއަރހައުސިންގ އާއި މެރިޓައިމް ސަޕޯޓް ޚިދުމަތްތަކާއި އަދި ލޮޖިސްޓިކް އެހެން ޚިދުމަތްތައް ޤާއިމްކުރެވިގެންދާނެއެވެ. އެގޮތުން ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އަދި އިޤްތިޞާދީ މައި މަރުކަޒެއް މި ސަރަހައްދުގައި ޤާއިމް ކުރެވޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިމަޝްރޫޢުގެ ސަބަބުން ރާއްޖެއަށާއި މިސަރަހައްދުގެ ރައްޔިތުންނަށް ފައިދާވާނެ ކަމަށެވެ. އަދި މިމަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާގެ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް 2040 ވަނަ އަހަރަށް ގެންގުޅުއްވާ ތަޞައްވުރުގެ ހިމެނޭ ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަޝްރޫޢުގެ ފައިދާ މި ސަރަހައްދުގެ ރައްޔިތުންނަށް ވީހާވެސް އަވަހަށް ލިބޭނެ ގޮތަށް މަޝްރޫޢު މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ސަޙް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު އިބްރާޙީމް ޢަލީ މުތާވާ ވިދާޅުވީ މިމަޝްރުޢު ކުރިއަށް ގެންދިއުމަށް އެކުންފުނިން ވަރަށް ބޮޑަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި މިއީ އެކުންފުނިން ވަރަށް ބޮޑު އަހަމިއްޔާތުކަމެއް ދޭނެ މަޝްރޫޢުއް ކަމަށް ވިދާޅުވެ އޭނާ ވަނީ މަޝްރޫޢުގެ ފައިދާ ރައްޔިތުންނަށް ލިބުމަކީ އެކުންފުނިންވެސް ބޭނުންވާ ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި ދެމެހެއްޓެނިވި ބައި މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިމަޝްރޫޢު ހަވާލުކުރެވުނު ސަރޙް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަޞީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ.
















