
އިޓަލީގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓުކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދަޢުވަތު ދެއްވައިފިއެވެ.
މި ދައުވަތު ވަޒީރު ދެއްވީ ރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ޤައުމުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވަނީ ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދައި ބެލުމަށް އިޓަލީވިލާތުގެ ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިޓަލީވިލާތަށް ޚާއްޞަ މަޤާމެއް އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން 1970 ގެ އަހަރުތަކުގެ ކުރީކޮޅު ޖޯޖް ކޯބިން ފަދަ އިޓަލީގެ ބޭފުޅުން އިސްނަންގަވައިގެން ރާއްޖެއަށް ބައިނަލްއަޤްވާމީ ފަތުރުވެރިން ތަޢާރަފުކުރުމަށް ކުރެއްވި މަސައްކަތްތަކަކީ ރާއްޖޭގެ އިޤުތިޞާދުގެ މައި ތަނބު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ އިތުރުން އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމުގެ ބޮޑު ފުރުޞަތެއް ދެ ޤައުމުގެ ދެމެދުގައި އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ޚާއްޞަކޮށް ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އިޓަލީވިލާތް ހޯދާފައިވާ ކުރިއެރުންތަކަކީ ރާއްޖެއާއެކު ގުޅުން ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުޞަތުތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާއި، ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައި ވެއެވެ.
މީގެއިތުރުން ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި އެކުވެރިކަން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަން ގެނެސްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ސަޢީދު ވަނީ ވިދާޅުވެފައެވެ.



.jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)



.jpg?w=3840&q=75)

.jpg?w=3840&q=75)
