



.jpg?w=3840&q=75)




ޑެންމާކުގެ ކޯޕަންހޭގަންގައި ކުރިއަށްދިޔަ ހައި އެމްބިޝަން ކޯލިޝަން (އެޗް.އޭ.ސީ) ގެ ނެގޯޝިއޭޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ލީގަލް ކައުންސެލް އުސްތާޛާ ފަޟީލާ ޝަހީމް ބައިވެރިވެވަޑައިގެންފިއެވެ.
މި ސެޕްޓެންބަރު މަހުގެ 2 އިން 4 އަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ޕްލާސްޓިކް ތަޣައްޔަރުވުން ހުއްޓުވުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްދާ އިންޓަރގަވަރމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ (އައި.އެން.ސީ) ގެ މަޝްވަރާތަކުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އެޗް.އޭ.ސީ އަދި ގުޅުންހުރި އެކުވެރި ޤައުމުތަކުގެ އިސްކަންދޭ މުހިންމު ކަންކަން މުރާޖަޢާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މީގެއިތުރުން، މަޝްވަރާތަކަށް އެހީތެރިވެދޭ ލިޔުމެއް ކަމަށްވާ "އެއިޑް ޓު ނެގޯޝިއޭޝަންސް" ޑޮކިއުމެންޓާ މެދު ފުޅާ ދާއިރާއެއްގައި ވިސްނުން ބަދަލުކޮށް، ޕްލާސްޓިކް އުފެއްދުމުން ފެށިގެން ނައްތާލުމާ ހަމައަށް ހިމެނޭ މުޅި ލައިފް ސައިކަލްގައި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އައު ގޮތްތަކާއި އުކުޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ހަމައެއާއެކު، ކުރިއަށް އޮތް ރަސްމީ އަދި ނުރަސްމީ އައި.އެން.ސީގެ ބައްދަލުވުންތަކަށް އެޗް.އޭ.ސީ އަދި ގުޅުންހުރި ޤައުމުތަކުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް އެއްބަސްވެވޭ އެއް އަމާޒަކަށް ގެނައުމަށްޓަކައި ވެސް މި ބައްދަލުވުމުގެ ތެރެއިން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.




.jpg?w=3840&q=75)



