








މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން، އޭޝިއާގެ ސީފޫޑް މާރުކޭޓަށް ހާއްސަކޮށްގެން ބޭއްވި އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ، "ސީފުޑް އެކްސްޕޯ އޭޝިއާ 2026" ގައި ބައިވެރިވެއްޖެއެވެ.
މިއީ މި އެކްސްޕޯ ބޭއްވި 14 ވަނަ އަހަރު ކަމަށްވާއިރު، ޖެހިޖެހިގެން ސިންގަޕޫރުގައި މި އެކްސްޕޯ ބޭއްވި 4 ވަނަ އަހަރެވެ. މި އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ މަސް ބަންދުކުރާ މެޝިނަރީއާއި، ޕެކެޖިން އަދި އެކުއަކަލްޗަރ ހައްލުތަކަށް ހާއްސަ "ސީފޫޑް ޕްރޮސެސިންގ އޭޝިއާ" ފެއާއާ އެކުގައެވެ.
މި އެކްސްޕޯގައި ސަރަހައްދުގެ ސީފޫޑް ސަޕްލަޔަރުންނާއި، ރީޓޭލްޗެއިންތަކާއި، ހޯރެކާ އޮޕަރޭޓަރުންގެ އިތުރުން ޑިސްޓްރިބިއުޓަރުން ބައިވެރިވިއެވެ. މިއީ ސިންގަޕޫރާއި ދެކުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ ބަޔަރުންނާ އެކީގައި ބައްދަލުކުރުމަށް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
މިފްކޯއިން މި ފެއާގައި ބައިވެރިވީ އެކްޓިވް ބަޔަރުންގެ ލިސްޓަކަށް އަމާޒުކޮށްގެން ކަމަށްވުމުން، އާންމުކޮށް ޒިޔާރަތްކުރާ ފަރާތްތަކުގެ ބަދަލުގައި، ސީދާ ޝައުގުވެރިކަން ހުރި މުހިންމު ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު އެކުންފުންޏަށް ލިބިގެން ދިޔައެވެ. ދުނިޔޭގެ މާރުކޭޓަށް ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރުމަށް އުފައްދާފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކުން ސީފޫޑްގެ ބާވަތްތައް ހޯދައި، ބާޒާރުގައި ބަހައްޓައި އަދި ވިއްކަމުންދާ ގޮތް ދެނެގަތުމަށްވެސް މި އެކްސްޕޯގެ ތެރެއިން މިފްކޯއަށް މަގުފަހިވެގެންދިޔަކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މިފްކޯއިން ބުނީ މި ފެއާގައި ޖަޕާން، ޗައިނާ، މެދުއިރުމަތި އަދި ސިންގަޕޫރުގެ ބަޔަރުންނަށް ދަޅުގައި އަދި ޕެކެޓުގައި ބަންދުކުރާ މަސް ސަޕްލައިކުރުމާ ގުޅޭގޮތުން ބޭނުންތެރި މަޝްވަރާތަކެއް ކުރެވި، ކުރިމަގުގައި އެކްސްޕޯޓް ފުޅާކުރުމަށް އުއްމީދީ ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށެވެ. މީގެއިތުރުން، ވާދަވެރި ގައުމުތަކުން ސީފުޑް އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އަގުތަކާއި، ޕެކެޖިންގ އަދި ޕްރޮމޯޝަންސްޓްރެޓެޖީތަކަށް ބަލައި މާކެޓުގެ މުހިންމު މައުލޫމާތުތަކެއް އެއްކޮށްފައިވާކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި މަސް އިސްތިހާރުކޮށް މާކެޓްކުރުމަށް މިފްކޯއިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު މުހިންމު މައުލޫމާތުތަކެެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.
ސީފުޑް އެކްސްޕޯ އޭޝިއާއަކީ ސަރަހައްދީ ފެންވަރުގައި ކުރިއަރަމުން އަންނަ އެންމެ ބޮޑު ސީފުޑް ޓްރޭޑް ޕްލެޓްފޯމެވެ. މިފްކޯއިން އަންނަނީ ބައިނަލްއަޤްވާމީ ސީފުޑް މާކެޓަށް އަންނަ ބަދަލުތަކަށް ސަމާލުކަންދީ، އެކުންފުނީގެ އެކްސްޕޯޓް މާރުކޭޓުތައް ފުޅާކުރުމަށްހާއްސަ އިސްކަމެއް ދެމުންނެވެ.




