



.jpg?w=3840&q=75)




އިންޓަ މިއާމީގެ ކުޅުންތެރިން އެޓްލާންޓާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާލުކުރަނީ..
އެމެރިކާގެ މޭޖާރ ލީގު ސޮކާ އީސްޓަން ކޮންފަރެންސްގައި ރޭ ފަތިހު އިންޓަ މިއާމީ އިން އެޓްލާންޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މުބާރާތުގައި އިންޓަ މިއާމީ އެންމެ ފަހުން ކުޅުނު މެޗުގައި މޮންޓްރިއަލް އަތުން 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، އެޓްލާންޓާ އެންމެ ފަހުން ކުޅުނު މެޗުގައި ޗާލެޓް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
އިންޓަ މިއާމީގެ އެންޔޫ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިއާމީ އިންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފިލްޑަރު ކަސަމީރޯ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ކެޕްޓަން ލިއޮނަލް މެސީ ގޯލު ކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޮލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން އެތްލާންޓާގެ ފޯވާޑް މިގުއެލް އަލްމިރޮން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މީގެ އިތުރުން މިމެޗުގައި ދެވަނަ ފަހަ އިންޓަ މިއާމީ އިން ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެޓްލާންޓާ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު. މެޗުގެ ނަތިޖާއެއްވަރުކުރުމަށް ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ވެސް ލިބުނެވެ.
ނަމަވެސް އަލްމިރޮން ކުރިއަށް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، އެޓީމުން ނަތީޖާއެއްވަރުކުރި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ބްރީލް އެމްބޯލޯ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 23 މެޗުން އިންޓަ މިއާމީއަށް 43 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 23 މެޗުން އެޓްލާންޓާއަށް 22 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.




.jpg?w=3840&q=75)