








ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރު އެޅުމުގެ މަޤްޞަދުގައި، ދިރާގުން ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފިއެވެ.
ސީޑް (ސައިންސް، އެކްސްޕްލޯރ، އެކްޓް އެންޑް ޑިސްކަވަރ) އިނީޝިއޭޓިވް އަކީ، ތިމާވެށީގެ ދާއިރާއިން ތައުލީމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މިގޮތުން، ސިޓިޒެން ސައިންސްގެ ޒަރީއާއިން ކަނޑުގެ މައުލޫމާތު އެއްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމަށާއި ގުދުރަތީ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަނޑުފަޅުތަކާ ގުޅުންހުރި މުހިންމު ހަރަކާތްތައް ހިންގުމަށް ހާއްސަ އިސްކަމެއް ދެއެވެ.
ސީޑް އިނީޝީއޭޓިވް ގެ ހުޅުމާލެ އަރބަން ހަބަށާއި އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ ފަރާތް ގުޅިގެން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގެ މުހިންމުކަމަށް ސަމާލުކަން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.
ސީޑް އިނީޝިއޭޓިވް ގެ ދަށުން "އިކޯ ގާޑިއަން" ޕްރޮގްރާމްގައި ހުޅުމާލެ، ކ. ކާށިދޫ އަދި ބ. ގޮއިދޫގައި ކަނޑުފަޅު ތަކާޢި ބެހޭ ޙާއްޞަ ސެޝަންތަކާއި މޫދުގައި ހިންގާ އަމަލީ ހަރަކާތްތައް ހިމެނެއެވެ. ދާއިރާގެ މާހިރުންނާއި މެރިން ބައިއޮލޮޖިސްޓުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ހަރަކާތްތައް މެދުވެރިކޮށް ކަނޑުގެ ދިރުންތަކުގެ ނިޒާމާއި، މޫދުވިނަ އާއި ޗަސްބިންތަކާއި، ދެމެހެއްޓެނިވި އުސޫލުތަކުގެ އިތުރުން އީކޯސިސްޓަމް އާލާކުރުން ފަދަ ދާއިރާތަކުން މައުލޫމާތު ދެވޭނެއެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ކަނޑުފަޅުގެ މާހައުލާ ބެހޭގޮތުން ހޭލުންތެރިވުމަކީ ނުހަނު މުހިންމު ކަމެކެވެ. ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމާއި، މުޖުތަމައުތަކާއި އަދި މުސްތަގުބަލާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ވަސީލަތެކެވެ. ޒުވާނުންނަށް ކަނޑުފަޅުގެ މާހައުލާ ބެހޭ މައުލޫމާތު އުނގަންނައިދީ، އަމަލީ ގޮތުން އެ މާހައުލު ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ، ކަނޑުތަކާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. ދިރާގުން އަބަދުވެސް ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވައި، ބާރުވެރިކުރުމަށް ހާއްސަ އިސްމަކެއް ދެއެވެ.






.png?w=3840&q=75)
