
މަދަނީ ވަކި ހިދުމަތެއްގެ ގޮތުގައި ފާއިތުވި 22 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭ ފަދަ ގާބިލު މުއައްސަސާއަކަށް ތަރައްގީވެފައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން މިއަދު ހެނދުނު ބޭއްވި އެކުވެރިކަމުގެ ހިންގާލުމަށްފަހު، ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ސީޕީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މި ހިދުމަތް އިތުރަށް ތަރައްގީވަމުން ކުރިއަށްދާނެ ކަމަށާއި 1 ސެޕްޓެމްބަރ 2004 ގައި ފުލުހުންގެ ޚިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ދުވަސްވަރާ އަޅާބަލާއިރު، މިއަދު ފުލުހުންގެ މުއައްސަސާއަށް ވަނީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ކަމަށެވެ.
މިގޮތުން، ފުލުހުންގެ ޚިދުމަތް ވަކިވި ދުވަހު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ފުލުހުންގެ ގޮތުގައި އެކުލެވިގެން ދިޔައީ ނިސްބަތުން ވަރަށް މަދު މުވައްޒަފުންކަން ހަނދާން އައުކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ފުލުހުންގެ ސަފުތައް އެތައް ގުނައަކަށް އިތުރުވެ، މުއައްސަސާގެ އިންސާނީ ވަސީލަތާއި ގާބިލުކަން އެތައް ގޮތަކުން ފުޅާވެފައިވާ ކަމަށެވެ. އަދި އެ ތަފާތާއި ހޯދާފައިވާ ބޮޑު ކުރިއެރުން މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަނޑައްތުކުރި ދިގު ރާސްތާގައި ދިވެހި ފުލުހުންގެ ޚިދުމަތް ބިނާވެފައިވަނީ ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ފޯރުކޮށްދެވޭނެ ވަރުގެ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ މުއައްސަސާ ދާނީ ތަރައްގީވަމުން ކަމަށާއި، އެންމެ ބޮޑު އަމާޒަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތްތަކެއް ފޯރުކޮށްދޭ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމުގައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށާއި، ފުލުހުންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވަމުން ގެންދަވާ ކަންކަމާއި ގެންނަވާ ކުރިއެރުންތަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ދިވެހި ހުރިހާ ފުލުހުންގެ ނަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.












