.jpeg?w=3840&q=75)


.jpeg?w=3840&q=75)





ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ތަރައްގީގެ އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި ސަރުކާރުން މިހާރު ވަނީ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް، މި ބިލާ ގުޅުވައިގެން ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދަ އެތައް ވާހަކަތަކެއް ދައްކަމުންނެވެ. މި ބިލަކީ ގާނޫނުއަސާސީގެ ބާރު ކެނޑި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ އެއްޗެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ތުހުމަތުތަކުގެ ހަގީގަތް ވަރަށް ސާފުކޮށް ހާމަކޮށްދެއްވާފައެވެ.
މި ބިލާ ގުޅޭގޮތުން ފެތުރޭ އެންމެ ބޮޑު އެއް ވާހަކައަކީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކޮށް، ފްރީހޯލްޑް އުސޫލުން ވިއްކަން އުޅޭ ކަމަށް ބުނާ ވާހަކައެވެ. ނަމަވެސް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ފާހަގަކުރެއްވި ފަދައިން، މި ބިލުގެ އަށްވަނަ ބާބުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނަކަށް ބިމެއް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށެވެ. މިއީ ރާއްޖޭގައި މިހާރު ވެސް ރިސޯޓުތައް ތަރައްގީކުރުމުގައި އަމަލުކުރަމުން އަންނަ އާންމު އުސޫލެކެވެ. މީގެއިތުރުން، ބިމުގެ މިލްކުވެރިކަން ދާއިމީކޮށް ބޭރު މީހުންނަށް ދެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، މި ބިލުން އެފަދަ އެއްވެސް ޖާގައެއް ނުދޭކަން ކަށަވަރުވެއެވެ. 99 އަހަރު ހަމަވުމުން އެ ތަނެއް އަނބުރާ ދައުލަތަށް ނެގުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަނެއްކޮޅުން، ރަސްމާލޭގެ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ މި ބިލާ ގުޅުވައިގެން ޒަޔަނިސްޓުން ވަޒަންވެރިކުރަން އުޅޭ ކަމަށް ދައްކާ ވާހަކައަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ދައްކާ ހަގީގަތެއް ނެތް ދޮގެކެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއަށް އައުން މަނާ އެއްވެސް ފަރާތަކަށް އަދި ޒަޔަނިސްޓް އިޒްރޭލުގެ ޕާސްޕޯޓެއް އޮތް އެއްވެސް މީހަކަށް، އެމީހެއްގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓެއް (ޑުއަލް ސިޓިޒެންޝިޕް) އޮތް ނަމަވެސް، މި ޒޯނުން ޕްރޮޕަޓީއެއް ނުގަނެވޭނެއެވެ. ހަމައެއާއެކު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ މީހުންނަށް ރާއްޖެ އެތެރެވުމާއި މިފަދަ ވިޔަފާރިތަކުގައި ބައިވެރިވުން މަނާކޮށްފައި އޮތުމަކީ، އިޒްރޭލުގެ ޖައްބާރު ލީޑަރުންނަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް ނެތްކަން ކަށަވަރުކޮށްދޭ އަލިގަދަ ހެއްކެކެވެ.
މީގެއިތުރުން، ބޭރުގެ އިންވެސްޓަރުން ތަރައްގީކުރާ މިފަދަ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ބާރު ދިވެހި ދައުލަތަށް ނޯންނާނެ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ވެސް ބިލުގެ އަސްލު އޮޅުވާލުމެކެވެ. ބިލުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވަނީ އެ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ތަންފީޒީ އިދާރާތަކާއި ސަލާމަތީ ބާރުތަކުން ކަމަށެވެ. އެ ސަރަހައްދުތަކުގެ ފުރިހަމަ ކޮންޓްރޯލް ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި ދެމިއޮންނާނެއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ފަދަ ވަރުގަދަ ކުންފުނިތަކާއެކު މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ރަސްމާލޭގައި ކުރިއަށް ގެންދިއުމުގެ އަސްލު މަގުސަދަކީ، އާންމު ރައްޔިތުންނަށް ދޫކުރާ ބޯހިޔާވަހިކަމުގެ ސަރަހައްދުތައް ހަލުވިކަމާއެކު ތަރައްގީކޮށް، ފުރިހަމަ ޚިދުމަތްތަކާއެކު ދިރިއުޅެވޭނެ ޒަމާނީ ސަހަރަކަށް އެތަން ހެދުމެވެ. ސަރުކާރުން މި ބިލު އަވަސްއަރުވާލައިގެން ފާސްކުރަން ނޫޅޭ ކަމަށާއި، ރައްޔިތުންގެ ޚިޔާލަށް ފުރުސަތު ހުޅުވާލާނެ ކަމުގެ ޔަގީންކަން ވެސް މަޖިލީހުގެ މެންބަރުން ވަނީ ދެއްވާފައެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ހަރުދަނާ ބިލެކެވެ. އިދިކޮޅު ފަރާތްތަކުން ހަގީގަތް އެނގިތިބެ ސިޔާސީ ބޭނުމަށް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމުގެ ބަދަލުގައި، ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް އިސްކަންދީގެން މިފަދަ އިގްތިސާދީ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމަކީ ގައުމީ ވާޖިބެކެވެ.
.jpeg?w=3840&q=75)


.jpeg?w=3840&q=75)




