








ކޮންކުއިސްޓާ ސްޕޯޓްސް ކުލަބާއި ތީ ލައިވް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ. ގުރައިދޫ މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ކޮންކުއިސްޓާ ސްޕޯޓްސް ކުލަބާއި ވާދަކޮށް 6-3 ގެ ނަތީޖާއަކުން މޮޅުވެ ތީ ލައިވް ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގައި ކޮންކުއިސްޓާ ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި އާރްޑީއެލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިއީ ތީ ލައިވް ސްޕޯޓްސް ކުލަބުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ތީ ލައިވް ސްޕޯޓްސް ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ތީ ލައިވް ސްޕޯޓްސް ކުލަބުން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ކޮންކުއިސްޓާ ސްޕޯޓްސް ކުލަބުން ވެސް ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ތީ ލައިވް ސްޕޯޓްސް ކުލަބުގެ ހުސެއިން މުންތަހާ އަދި އަހުމަދު ހަމީދު މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހާނިމް ހަސަން އަދި މުހައްމަދު ސުހައިލް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ކޮންކުއިސްޓާ ސްޕޯޓްސް ކުލަބުގެ އިސްމާއިލް ޝަހުދު، ޝަނާން ރަޝާދު އަދި މުހައްމަދު ވިލްފް މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތީ ލައިވް ސްޕޯޓްސް ކުލަބުގެ އަހުމަދު ހަމީދު އެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 މިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








