

.jpg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

މިސްކިތަކަށް ބަޔަކު ވަންނަ މަންޒަރު ---
އިސްލާމްދީނުގައި ކޮންމެ އަޅުކަމެއްގެ ވެސް އެންމެ މުހިންމު އަސާސަކީ ނިޔަތެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. ނަމަވެސް، އަޅުކަންތައްތަކުގައި ނިޔަތްގަންނަން ޖެހޭ ގޮތާމެދު މުސްލިމުންގެ މެދުގައި ބައެއް ކަހަލަ ކުށްހީތަކާއި އޮޅުންތައް އަރާފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، އަޅުކަމުގެ ކުރިން ދުލުން ވަކި ލަފްޒުތަކެއް ކިޔައިގެން ނިޔަތްގަތުމަކީ ދީނުގައި އޮތް ގޮތެއްތޯ ނުވަތަ ނޫންތޯ ބަޔާންކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
އިސްލާމީ ޝަރީޢަތުގައި ނިޔަތުގެ މަޙައްލަކީ ނުވަތަ ނިޔަތް އޮންނަންވީ ތަނަކީ ހިތެވެ. ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އެއީ ދުލުން ކިޔާ ބަސްތަކެއް ނޫނެވެ. އިންސާނާގެ ހިތުގައިވާ އެންމެހައި ކަންކަމާއި ރިޢާޔަތްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ގަދަކީރިތިވަންތަ މާތް ﷲ އެވެ. އަޅުކަމަކަށް ތެދުވާ ހިނދު، އެ އަޅުކަމެއް ﷲ އަށް ޚާލިޞްކޮށް ކުރުމަށް ހިތުގައި އޮންނަ ޢަޒުމާއި ޤަޞްދަކީ ފުދޭ ނިޔަތެވެ. އެހެންކަމުން، ނަމާދަށް ނުވަތަ އެހެން އަޅުކަމަކަށް ހިތުން އެދި، އެކަމަށް އިޤްރާރުވެގެން ހުންނަ ހުރުމަކީ ފުރިހަމަ ނިޔަތެވެ.
ނަމާދު، ރޯދަ، ޙައްޖު ނުވަތަ ޞަދަޤާތް ފަދަ އެއްވެސް އަޅުކަމެއްގައި ދުލުން ނިޔަތް ކިޔުމަކީ ދީނުގައި ސާބިތުވެފައިވާ ކަމެއް ނޫނެވެ. މިސާލަކަށް "نَوَيْتُ أَن أُصَلِّي" (ތިމަންނާ ނަމާދަށް ނިޔަތްގެންފީމެވެ.) ނުވަތަ "نَوَيْتُ أَن أَحُجَّ" (ޙައްޖަށް ނިޔަތްގެންފީމެވެ.) ނުވަތަ "نَوَيْتُ أَن أَتَصَدَّقَّ" (ޞަދަޤާތްކުރަން ނިޔަތްގެންފީމެވެ.) މިފަދައިން ދުލުން ލަފްޒުތައް ކިޔުމަކީ ދީނަށް އަލަށް ވައްދާފައިވާ ބިދުޢައެކެވެ. ކީރިތި ރަސޫލާ ﷺ އަދި ޞަޙާބީންގެ ފަރާތްޕުޅުން މިފަދަ އެއްވެސް ޢަމަލެއް ދުވަހަކުވެސް ވާރިދުވެފައެއް ނުވެއެވެ. އަދި ދުލުން ބާރަށް ނިޔަތް ކިޔުމަކީ ދެއްކުންތެރިކަމަށް (ރިޔާއަށް) މަގުފަހިވާ އަދި އަޅުކަމުގައި އުޅޭ އެހެން މީހުންނަށް އުނދަގޫވާ ކަމެކެވެ.
ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ކީރިތި ރަސޫލާ ﷺ "لَبَّيْكَ عُمْرَةً وَحَجًّا" ފަދައިން ޙަދީޘްކުރައްވާފައިވުމަކީ ދުލުން ނިޔަތް ކިޔުއްވުމެއް ނޫނެވެ. މިއީ އެކަލޭގެފާނު އަދާކުރައްވަން އެދިވަޑައިގަންނަވާ ނުސުކު ނުވަތަ ޙައްޖުގެ ވައްތަރު (ތަމައްތުޢު، ޤިރާން، ނުވަތަ އިފްރާދު) ޢައްޔަނުކުރައްވައި އިޙްރާމް ބެއްނެވުމުގެ ޝިޢާރެކެވެ. މި ޢަމަލަކީ ނަމާދު ފެށުމުގެ ގޮތުން "ﷲ އަކްބަރު" ކިޔުމާ އެއްފަދަ ކަމެކެވެ. އެކަލޭގެފާނު އެއްވެސް އިރެއްގައި "ޙައްޖަށް ނިޔަތްގަނެފީމޭ" ނުވަތަ "ޢުމްރާކުރަން ބޭނުންވެޔޭ" މިފަދައިން ވިދާޅުވެ ދުލުން ނިޔަތެއް ނުގަންނަވައެވެ.
އަޅުކަންތައް ޤަބޫލުވުމުގެ ޝަރުޠަކީ ﷲ އަށް އިޚްލާޞްތެރިވުމާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތަށް ޢަމަލުކުރުމެވެ. ނިޔަތަކީ ހިތުގައި ވާ އެއްޗަކަށް ވާތީ، ދުލުން ވަކި ޢިބާރާތްތަކެއް ކިޔުމުގެ އެއްވެސް ބޭނުމެއް އަދި ޝަރުޢީ ޙުއްޖަތެއް ނެތެވެ. މުސްލިމުން އަޅުކަންތައް އަދާކުރަންވާނީ ސުންނަތުގައި އައިސްފައިވާ ގޮތަށް، ދީނަށް އައު ކަންކަން އިތުރުނުކޮށް، ހިތުގެ އިޚްލާޞްތެރިކަމާއެކުގައެވެ.