
.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

.jpeg?w=3840&q=75)
ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރި މަސްޖިދު ހަސަން އާދަމް
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، މުސްލިމުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، އެހެން މީހުންގެ އަބުރު ކަތިލުމުން ދުރުހެލިވުމަށް މުޅި މުޖުތަމަޢަށް ވަރުގަދަ ނަޞޭޙަތެއް ދީފިއެވެ.
މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރައްވާފައިވާއިރު، އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް އެކަލާނގެ ވަނީ ނަހީކުރައްވާފައެވެ. އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދުކަމުގައި ވެސް ބަޔާންކުރިއެވެ.
ކީރިތި ރަސޫލާ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ހަނދާންކޮށްދެމުން، ޚުޠުބާގައި ބުނީ މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަކަށް ވުރެ މާ ބޮޑު ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ލިބޭ ހިތްދަތިކަމުގެ އިތުރުން މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދި، އެއްބައިވަންތަކަން ގެއްލިގެންދާ ކަމަށް ވެސް ފާހަގަކުރިއެވެ.
މީގެއިތުރުން، ގެފުޅުގެ ޙުރުމަތަށްވުރެ ވެސް މުއުމިނެއްގެ ޙުރުމަތް މާތް ﷲ ގެ ޙަޟުރަތުގައި މާ މަތިވެރިވެގެންވާ ކަމުގެ ޙަދީޘް ބަސްފުޅު ޚުޠުބާގައި ވަނީ ޒިކުރުކޮށްފައެވެ. އަދި އިސްލާމްދީނުގައި ޢިއްފަތްތެރިންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމާއި، މީސްމީހުންނާ މެދު ގޯސްކޮށް ހީކުރުމާއި، މީހުންގެ ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމާއި ޣީބަބުނުން ޙަރާމްކުރައްވާފައިވަނީ އަބުރުގެ ރައްކާތެރިކަމަށްޓަކައި ކަމަށް ބަޔާންކުރިއެވެ.
ޒަމާނީ ވަސީލަތްތަކާއި މީސްމީޑިއާގެ ނުފޫޒަށް އަލިއަޅުވާލަމުން ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު ބައެއް މީހުން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ތެދުދޮގު ބެލުމެއް ނެތި މީސްމީޑިއާގައި މީހުންގެ އަބުރު ކަތިލަމުންދަނީ ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު ވިސްނުމެއް ނެތިއެވެ. އަދި މިފަދަ ކަންކަން ޅަދަރިންގެ ކުރިމަތީގައި ކުރުމަކީ މާދަމާގެ ޖީލަށް ދެއްކޭ ވަރަށް ނުރައްކާތެރި ނަމޫނާއެއް ކަމަށް ވެސް އިންޒާރު ދިނެވެ.
ދުލުން ބޭރުކުރާ ބަސްތަކަށް ސަމާލުވުމަށް އިލްތިމާސްކުރަމުން، ގިނަ މީހުން ނަރަކައަށް އެއްލައިލެވެނީ ދުލުގެ ނުބައިކަމުން ކަމާއި، އިވޭހައި ވާހަކައެއް ދެއްކުމަކީ ދޮގުވެރިއަކަށް ވުމަށް ފުދޭ ކަމެއް ކަމުގައި ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާ ޙަދީޘްފުޅުތައް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި އެހެން މީހުންގެ އަބުރު ރައްކާތެރިކުރުމުގެ އިތުރުން، ޝައްކު އުފެދޭ ފަދަ ކަންކަމުން ދުރުހެލިވެ، އަމިއްލަ ނަފުސުގެ އަބުރު ރައްކާތެރިކުރުމަކީ ވެސް ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.