



.jpg?w=3840&q=75)




ވިލިމާލެ ހޮސްޕިޓަލް- ފޮޓޯ: ޕީއެސްއެމް
ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ވިލިމާލެ ހޮސްޕިޓަލްެ ހިދުމަތްތައް ކުރީގެ އަމާން ހިޔާއަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެވެ.
ވިލިމާލޭގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ބަދަލުކޮށް ކުރީގެ ހޮސްޕިޓަލް ބިން ސާފުކޮށް، އާ މަޝްރޫއުގެ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މި މަޝްރޫއުއާއި ގުޅިގެން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ހިދުމަތްތައް ބަދަލުކުރުމުގެ ކުރިން އަމާން ހިޔާގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައްގެނެސް މަރާމާތުތައްކޮށްފައިވާ ކަމަށެވެ. އަދި ކުރިން ވިލިމާލެ ހޮސްޕިޓަލުން ލިބެމުންދިޔަ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެކަމާއި، ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބެމުންދާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލް ޢިމާރާތްކުރުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އެ ހޮސްޕިޓަލް ތަރައްގީކޮށް ނިންމައި ހުޅުވުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ ގޮތުގަ އެވެ.
އަލަށް ބިނާކުރާ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގައި ހިމެނޭ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި:
- އައުޓްޕޭޝަންޓް (އޯޕީޑީ) އަދި ކުއްލި ފަރުވާގެ ޚިދުމަތްތައް.
- ބަލިތައް ދެނެގަތުމާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތައް.
- އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ޚާއްޞަ ވޯޑުތަކާއި އިދާރީ އޮފީސްތައް.
- އިސްރަށްވެހިންނާއި ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ޚާއްޞަ ސެންޓަރެއް.
- ޓާޝަރީ ފެންވަރުގެ މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރު
ވިލިމާލޭގެ ޓާޝަރީ ހޮސްޕިޓަލް މަޝްރޫއުއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތްނިމި، ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި މީހުން އާބާދުވާން ފެށުމުން އެ ސަރަހައްދުގެ އާބާދީއަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ބޭނުމުގައާއި، މިހާރު ހުރި ހޮސްޕިޓަލުގެ ޖާގަ ކުޑަވެ، އިތުރަށް ތަރައްގީކުރެވެން ނެތުމެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތް ހަވާލުކުރާނެ ކޮންޓްރެކްޓަރަކު ކަނޑައެޅުމުގެ މަރުހަލާ އެންމެ އަވަހަށް ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ އެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)