.jpeg?w=3840&q=75)
-
ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ބުދަދުވަހުގެ ރޭ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުން ސާބިތުކަމާއެކު ދަމަހައްޓަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ފީލްޑް މާރޝަލް ޢާޞިމް މުނީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މި ޒިޔާރަތް ކުރައްވާފައި މިވަނީ، ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ތާރީޚީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ގޮތުން މުހިންމު އެއްބަސްވުންތަކެއް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާގެ ތެރޭގައި، ދިފާޢީ ދާއިރާއިންނާއި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގެ އިތުރުން ފުލުހުންނާއި ސިފައިން ތަމްރީނުކުރުމަށް ވެވުނު އެއްބަސްވުންތައް ހިމެނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، އިޤްތިޞާދީ، ޞިއްޙީ، އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރަން ނިންމަވާފައެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދިފާޢީ ބާރުތަކުގެ މެދުގައި އޮތް ގުޅުމާއި ސަރަޙައްދީ އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)
.jpg?w=3840&q=75)



.jpeg?w=3840&q=75)
.jpg?w=3840&q=75)


