







-
މަސްވެރިންނަށް ތެލުގެ ސަބްސިޑީއަށް އެދުމާއި އެ ސަބްސިޑީ ދޫކުރުމުގެ ކަންކަން "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ ގޮތަށް ލާޒިމުކޮށްފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން، 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ޤާއިމުކޮށްފައިވާ ހުރިހާ ސަރަޙައްދަކުން މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް އަގުހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
މިވަގުތު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރަށް ދޫކުރަމުންދާ މި އިނާޔަތަކީ "ފަހިހަކަތަ" ޕްރޮގްރާމާ ވަކިން، ޕޯޓަލުން އެދުމަކާ ނުލައި ދޫކުރަމުން އައި ސަބްސިޑީއެކެވެ. ނަމަވެސް، ސަބްސިޑީ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި، ކުރިއަށް އޮތްތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ކުރިއަށްދާނީ ހަމައެކަނި "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށެވެ.
އެހެންކަމުން، މިނިސްޓްރީގެ "ފަހިހަކަތަ" ޕޯޓަލްގައި މިހާތަނަށް ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހައި އުޅަނދުފަހަރުން، 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް އެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ކަމާބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށް ފުރުޞަތު ހުޅުވާލާފައެވެ.







