
.jpg?w=3840&q=75)







އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕޯސްޓް މަލޯން. އޭނާގެ އޭޝިއާ އަދި އޮސްޓްރޭލިއާ ޓުއަރގެ ޝޯތައް ވަކި ސަބަބެއް ހާމަކުރުމަކާ ނުލައި ވަނީ ފަސްކޮށްފައި
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕަރ ޕޯސްޓް މަލޯން އަންނަ އޮކްޓޯބަރު މަހު ދެކުނު ކޮރެއާގެ ސޯލްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓް ފަސްކޮށްފިއެވެ.
ކޮރެއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކޮންސެޓް ފަސްކުރި ވަކި ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
މި ކޮންސެޓް އިންތިޒާމުކުރާ 'ލައިވް ނޭޝަން ކޮރެއާ' އިން އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައިވަނީ، ގޯޔަންގް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް 'ޕޯސްޓް މަލޯން ވޯލްޑް ޓުއަރ' ގެ ޝޯ ފަސްކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަޕޯޓަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދި، ޓިކެޓަށް ފައިސާ އަނބުރާ ރައްދުކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
މިއީ 2023 ވަނަ އަހަރަށްފަހު އޭނާ ކޮރެއާއަށް ކުރާ ފުރަތަމަ ދަތުރަށް ވާނެކަމަށް އޮތީ ބެލެވިފައެވެ.
ސޯލްގެ ކޮންސެޓްގެ އިތުރުން، ޕޯސްޓް މަލޯންގެ ވޯލްޑް ޓުއަރގެ ދަށުން އޭޝިއާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑްގައި ބޭއްވުމަށް ތާވަލުކޮށްފައިހުރި އެހެނިހެން ޝޯތައްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި އޭނާ ހެޑްލައިން ކުރަން ހަމަޖެހިފައިވާ ބައެއް ފެސްޓިވަލްތައްވެސް ހިމެނެއެވެ.
ޕޯސްޓް މަލޯން އަކީ "ވައިޓް އައިވަރސަން"، "ކޮންގްރެޖުލޭޝަންސް"، އަދި "ރޮކްސްޓަރ" ފަދަ ލަވަތަކުން ބިލްބޯޑް ޗާޓުތަކުގެ ކުރި ހޯދާފައިވާ މަޝްހޫރު ފަންނާނެކެވެ.

.jpg?w=3840&q=75)


