





.jpeg?w=3840&q=75)


ތާޒާ ފަތްތަކުން ސެލަޑު ތައްޔާރުކުރަނީ. ސަލަޑަކީ ސިއްހަތަށް ފައިދާހުރި އެއްޗަކަށް ވިޔަސް، ރަނގަޅަށް ނުދޮވެ އަދި ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކޮށްފިނަމަ ކާނާ ވިހަ ވުމަކީ ވަރަށް ގާތްކަމެއް.
ސިއްހަތަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުންކުރާ ސެލަޑަކީ، އޭގެ ސަބަބުން ކާނާ ވިހަވުން (ފުޑް ޕޮއިޒަނިންގ) ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް އެއްޗެއްކަމަށް ސިއްހީ މާހިރުން ހާމަކޮށްފިއެވެ.
ހެލްތްލައިން އިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން، ސްޕިނަޗް، ލެޓިއުސް، އަދި ކެބެޖު ފަދަ ފަތްޕިލާވެއްޔަކީ ކާނާގެ ޒަރީއާއިން ފެތުރޭ ބަލިތައް އެންމެ ގިނައިން ޖައްސާ އެއް ބާވަތެވެ. މީގެ މައިގަނޑު ސަބަބަކީ، މި ތަކެއްޗަކީ އާންމުކޮށް ރޮލާ (ނުކައްކާ) ކާ ތަކެއްޗަށް ވުމުން، އޭގައި ހުންނަ ނުރައްކާތެރި ޖަރާސީމުތައް ހޫނުގެ ޒަރީއާއިން ނައްތާނުލެވުމެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަނޑުން ފެށިގެން ކާމޭޒާ ހަމައަށް އަންނަ ދަތުރުގެ ކޮންމެ ހިސާބަކުންވެސް މި ތަކެތި ތަޣައްޔަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ދަނޑުގައި ގަސްތަކަށް ދޭ ފެނުން، ފަސްގަނޑުން، ނުވަތަ ދޫނިސޫތާއްޕާއި ޖަނަވާރުގެ ނަޖިހުގެ ޒަރީއާއިން އީ.ކޮލައި، ސަލްމޮނެއްލާ ނުވަތަ ލިސްޓީރިއާ ފަދަ ނުރައްކާތެރި ބެކްޓީރިއާތައް ފަތްތަކުގައި ހަރުލައެވެ. މީގެ އިތުރުން ގަސްތައް ކަނޑައި، ޕްރޮސެސްކުރާ ކާރުޚާނާތަކުގައި ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ތެރޭގައިވެސް ޖަރާސީމު އެރުމުގެ ފުރުސަތު ބޮޑެވެ.
ގިނަ ބަޔަކު ހީކުރާ ގޮތާ ޚިލާފަށް، ކުރިން ދޮވެ ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ފަތްތަކަކީވެސް އެއްކޮށް ރައްކާތެރި އެއްޗެއް ނޫނެވެ. ކޮތަޅުގެ އެތެރޭގައި އުފެދޭ ތެތްކަމުގެ ސަބަބުން، ސެލަޑު ރަނގަޅު ފިނިހޫނުމިނެއްގައި ފްރިޖުގައި ނުބަހައްޓައިފިނަމަ، އޭގައި ޖަރާސީމުތައް ވަރަށް އަވަހަށް ގިނަވެއެވެ.
އަދި ގޭގެ ބަދިގޭގައި ރޯ މަސް ކެނޑުމަށްފަހު އެ ކަޓިންގ ބޯޑު ނުވަތަ ވަޅި ރަނގަޅަށް ނުދޮވެ ސަލަޑު ކޮށައިފިނަމަ، ވަރަށް ފަސޭހައިން ކްރޮސް-ކޮންޓެމިނޭޝަން (އެއްޗެއްގައި ހުރި ޖަރާސީމު އަނެއްޗަކަށް އެރުން) ހިނގާނެއެވެ.
ސެލަޑެއް ކެއުމުގެ ސަބަބުން ކާނާ ވިހަވެއްޖެނަމަ ބަނޑުގައި ރިއްސުމާއި، ބޭރަށް ހިންގުމާއި، މޭނުބައިކުރުމާއި، ހޮޑުލެވުމުގެ އިތުރުން ހުންއައުން ފަދަ އަލާމާތްތައް ފެންނާނެއެވެ. މި އަލާމާތްތައް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ނުވަތަ ދެތިން ދުވަސް ފަހުންވެސް ފެނިދާނެއެވެ.
މި ނުރައްކާ ކުޑަކުރުމަށްޓަކައި، ސެލަޑު ފަތްތައް އަބަދުވެސް ފްރިޖުގައި ބެހެއްޓުމަށާއި، ކާތަކެތި ތައްޔާރުކުރުމުގެ ކުރިން ތަކެތި ރަނގަޅަށް ސާފުކުރުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.