



.png?w=3840&q=75)



ރާއްޖޭގެ ބައެއް އިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ސޯޝަލް މީޑިއާގައި ގޮވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ކުއްޅަވައްގެ / އަލީ ޖުމާން އިތުރު 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ޖުމާން މިގޮތަށް ސޯޝަލް މީޑިއާގައި ގޮވާފައިވަނީ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދިނުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
”ޑެތު“ ގެ ނަމުގައި ޖުމާން ސޯޝަލް މީޑިއާގައި ހިންގާ ”އެކްސް“ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދައުލަތުގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ގޮވާލާފައެވެ. އަދި ”ރެޑްވޭވް“ ފިހާރަ ލޫޓުވުމަށް ވެސް ވަނީ ގޮވާލާފައެވެ.
އެ ޕޯސްޓާ ގުޅިގެން ޖުމާން ހައްޔަރުކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުވަނީ ކޮށްފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު ފުރަތަމަ ބަންދަށް ޖެހީ 12 ދުވަހަށެވެ. އެ މުއްދަތު ހަމަވެގެން، ބަންދު މުރާޖައާކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން ކޯޓުން މިހާރުވަނީ އަމުރުކޮށްފައެވެ.
ޖުމާންގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އެކަަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭނާގެ އެކައުންޓެއް ކަމަށް ބެލެވޭ ’ޑެތު‘ ނަމުގައި އެކްސްގައި ބޭނުންކުރާ އެކައުންޓާ ގުޅޭ އިންޓެލިޖެންސް ރިޕޯޓު ވެސް ފުލުހުން ހުށަހަޅާފައިވާކަމަށް ބުނެއެވެ. އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ހުށަހަޅާފައިވަނީ މަސްލަހަތު ހިމެނޭ ފަރާތަކުންނެވެ. އެކަމަށް އެދި ސިޓީއަކާއި ޑޮކިއުމެންޓެއް ވެސް ކޯޓަށް ހުށަހަޅާފައިވެއެވެ.



