








-
2026 ވަނަ އަހަރުގެ ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މި އަހަރު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ބޭއްވި ހަރަކާތްތައް ޚާއްޞަކޮށް އަމާޒުކުރީ އިންޖީނިއަރިންގގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުން އަންނަ ދަރިވަރުންނަށެވެ.
އެގޮތުން، މި ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެން، އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ޚާއްޞަ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖީނިއަރިންގގެ ދަރިވަރުންނާއެކު ބޭއްވި މި އިވެންޓު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޔޫގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.
މި ހަފުލާގައި ޗާންސެލަރގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމާއި، އެސްޓީއޯ އަދި އެމްއެންޔޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި އިވެންޓުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ކުރަމުން އަންނަ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މި އިވެންޓަށްފަހު، ބައިވެރިވި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މުހިންމު ސައިޓް ވިޒިޓްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށާއި އެތަނުގެ ކޮންކްރީޓް ލެބޯޓްރީއަށް ޒިޔާރަތްކޮށް، އެތަންތަނުގައި ކުރެވޭ ޓެކްނިކަލް މަސައްކަތްތައް ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ.
މީގެއިތުރުން، މަކިޓާ ޝޯރޫމަށާއި، ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގ ޓެކްނޮލޮޖީގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ އިތުރުން، އިންޖީނިއަރިންގގެ އެންމެ ބޮޑު އެއް ޓެކްނިކަލް މަސައްކަތް ކަމަށްވާ އެލަވޭޓަރ ނުވަތަ ލިފްޓް އިންސްޓޮލޭޝަން މަސައްކަތް ކުރާ ސައިޓަކަށް ޒިޔާރަތްކޮށް، ޢަމަލީގޮތުން އެ މަސައްކަތް ކުރާ ގޮތް ވަނީ ދަރިވަރުންނަށް ދައްކާލައި ތަޖުރިބާ ހިއްސާކޮށްފައެވެ.








