




.jpeg?w=3840&q=75)



-
ނޭޕާލާއި ޓިބެޓް ގުޅޭ ހިމާލިޔާ ސަރަޙައްދަށް ކުރިމަތިވި ކުއްލި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 750 އަށް އަރައިފި އެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނޭޕާލް ސަރަޙައްދުން މިހާތަނަށް 734 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ޓިބެޓް ސަރަހައްދުން ވަނީ 16 މީހަކު މަރުވެފައިވާކަން ކަށަވަރުކުރެވިފައެވެ.
މީގެއިތުރުން، މި ކާރިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު މިހާރު ވަނީ 3,000 އާ ގާތްކޮށްފައެވެ. އޭގެ ތެރޭގައި ނޭޕާލުން ގެއްލުނު 2,400 މީހުންނާއި، ޓިބެޓުން ގެއްލުނު 546 މީހުން ހިމެނެއެވެ.
ހިމާލިޔާ ބޯޑަރުގެ ދެފަރާތުގައިވެސް ކާރިސާގައި ގެއްލިފައިވާ މީހުން ހޯދުމަށާއި، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށް ހިންގާ ބޮޑެތި ރެސްކިއު އޮޕަރޭޝަންތައް އަދިވެސް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ ބުދަ ދުވަހު ހިމާލިޔާގެ ފަރުބަދަތަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، އައިސް އަދި ކިސަޑާއި ހިލަތަކާއެކު އައި ފެންގަނޑު ވާދީތަކުގެ ތެރެއަށް ފައިބައިގަތުމުންނެވެ. މި ބާރުގަދަ އޮއިވަރުގައި މުޅި އަވަށްތައް އެއްކޮށް ވަޅުލެވި، މަގުތަކާއި ބުރިޖުތަކުގެ އިތުރުން ހައިޑްރޯޕަވަރ ޕްލާންޓްތައް ވަނީ ބިމާ ހަމަވެފައެވެ.




