
ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކާރިސާއާ ގުޅިގެން ގެއްލުންވި މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލައިފިއެވެ.
ރެޑް ކްރެސެންޓުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ކްރައުޑް ފަންޑިންގ ޕްލެޓްފޯމެއް ކަމަށްވާ ”ގިވްއޭޝިޔާ“ މެދުވެރިކޮށް އަދި ބީއެމްއެލާއި އިސްލާމިކް ބޭންކު މެދުވެރިކޮށް ޑޮލަރުން ވެސް ރެޑް ކްރެސެންޓަށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށާއި އެ ފައިސާ ފޮނުވަން ހަމަޖެހިފައިވަނީ ނޭޕާލްގެ ރެޑް ކްރޮސް ސޮސައިޓީއަށް ކަމަށް އެމްއާރުސީގެ ޕޯސްޓުގައި ބުނެފައިވެއެވެ. ރެޑް ކްރޮސް ސޮސައިޓީއަށް ފައިސާ ފޮނުވާނީ އިންޓަނޭޝަން ފެޑެރޭޝަން އޮފް ރެޑް ކޮރޮސް އެންޑް ރެޑް ކްރެސެންޓު ސޮސައިޓީސް (އައިއެސްއާރުސީ) މެދުވެރިކޮށެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ ބުދަ ދުވަހު ހިމާލިޔާގެ ފަރުބަދަތަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، އައިސް އަދި ކިސަޑާއި ހިލަތަކާއެކު އައި ފެންގަނޑު ވާދީތަކުގެ ތެރެއަށް ފައިބައިގަތުމުންނެވެ. މި ބާރުގަދަ އޮއިވަރުގައި މުޅި އަވަށްތައް އެއްކޮށް ވަޅުލެވި، މަގުތަކާއި ބުރިޖުތަކުގެ އިތުރުން ހައިޑްރޯޕަވަރ ޕްލާންޓްތައް ވަނީ ބިމާ ހަމަވެފައެވެ.
މިހާތަނަށް ހިންގި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް 2500 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްވި މީހުންނަށް ވައިގެ މަގުން އެހީގެ ސާމާނު ފޯރުކޮށްދިނުމާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ބޯޑަރުގެ ދެފަރާތުގައިވެސް އަދިވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 600އަށްވުރެ މައްޗަށް އަރާފައެވެ.











.jpeg?w=3840&q=75)




