





.jpg?w=3840&q=75)
.jpeg?w=3840&q=75)

ނޭޕާލާއި ޓިބެޓް ގުޅޭ ހިމާލިޔާ ބޯޑަރު ސަރަޙައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ ޢަދަދު 600 އަށްވުރެ މައްޗަށް އަރައިފި އެވެ.
ނޭޕާލް ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެޤައުމުން އެކަނިވެސް 616 މީހުންގެ ހަށިގަނޑު މިހާތަނަށް ވަނީ ހޯދާފައެވެ. އަދި ޗައިނާގެ މީޑިއާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޓިބެޓް ސަރަޙައްދުން 7 މީހަކު ވަނީ މަރުވެފައެވެ.
މި ކާރިސާގައި ގެއްލިގެން ހޯދަމުންދާ 2000އަށްވުރެ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މެދުކެނޑުމެއްނެތް ކުރިއަށްދާއިރު، ހާލުގައި ޖެހުނު 2,500 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ. އޭގެ ތެރޭގައި 163 ބޭރު ޤައުމުތަކުގެ ފަތުރުވެރިންނާއި ދަތުރުވެރިން ހިމެނެއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ ބުދަ ދުވަހު ހިމާލިޔާގެ ފަރުބަދަތަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، އައިސް އަދި ކިސަޑާއި ހިލަތަކާއެކު އައި ފެންގަނޑު ވާދީތަކުގެ ތެރެއަށް ފައިބައިގަތުމުންނެވެ. މި ބާރުގަދަ އޮއިވަރުގައި މުޅި އަވަށްތައް އެއްކޮށް ވަޅުލެވި، މަގުތަކާއި ބުރިޖުތަކުގެ އިތުރުން ހައިޑްރޯޕަވަރ ޕްލާންޓްތައް ވަނީ ބިމާ ހަމަވެފައެވެ.
މިހާތަނަށް ހިންގި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް 2500 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްވި މީހުންނަށް ވައިގެ މަގުން އެހީގެ ސާމާނު ފޯރުކޮށްދިނުމާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ބޯޑަރުގެ ދެފަރާތުގައިވެސް އަދިވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.








