








ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖިނިއަރިން ލެބޯރަޓަރީއެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވާ ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ޒުވާނުންނަށް ހިތްވަރު ދެއްވާފައެވެ.
މީގެ އިތުރުން، އިންޖިނިއަރިންގެ ރޮނގުން ތައުލީމު ހާސިލުކުރާ ދިވެހިންގެ އަދަދު އިތުރުވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެކަމުގައި ދަރިވަރުންނަށް ސަރުކާރުން ބޭނުންވާ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަމަލީ ގޮތުން ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ ފުރިހަމަ ވަސީލަތްތަކާ އެކު ހާއްސަ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ސަރުކާރުން ހަމަޖައްސާނެއެވެ. އަދި މި މަސައްކަތްތައް ރާވާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން، ދެމެހެއްޓެނިވި އުސޫލަކުން ކަމުގައިވެސް ވިދާޅުވިއެވެ.
މީގެ ސަބަބުން ރާއްޖޭގައި ތަފާތު އިންޖިނިއަރިންގެ ރޮނގުތަކުން ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، އަދި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ރާއްޖެ އައު ހަރުފަތަކަށް ވާސިލުވެ، ތަރައްގީގެ މަތީ ދަރަޖައަކަށް ވާސިލުވުމަށް މިކަމުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.








