








ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތްރަޙުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް ކަމުގައި ރައީސުލްޖުމްހޫރޮއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބުރިޖު މަޝްރޫޢުއަށް 8 އަހަރުފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިްއޔާ ވިދާޅުވީ، މިމަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތްރަޙުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށެވެ. އަދި މިއީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށްވުރެ ބޮޑަށް ބުރިޖު މަޝްރޫޢުން ދައްކުވައިދެނީ އިތުބާރާއި ޔަޤީންކަމާއި ދެޤައުމުން ގެންގުޅޭ އުއްމީދީ ތަސައްވުރުކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޗައިނާގެ ރައީސް ޝީޖިންޕިންގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެ އިތުރު ފުރުސަތުތައް އަންނަން އޮތް މުސްތަޤުބަލަށް ދެޤައުމުގެ ރައްޔިތުންނަށްޓަކައި ފަހިވެގެންދާނެކަމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
ސިނަމާލޭ ބުރިޖު ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 30 ވަނަ ދުވަހުގައެވެ. ސިނަމާލޭ ބުރިޖުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔައިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުންނެވީ އޭރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައެވެ.
ބުރިޖުގެ ދިގުމިނުގައި 1.38 ކިލޯ މީޓަރު ހުރެއެވެ. ބުރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރުފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ 2 ލޭން އަދި ސައިކަލު ދުއްވުމަށް ޚާއްސަ ލޭނެއްވެސް އޮވެއެވެ. ބުރިޖު މަޝްރޫޢަށް ޖުމްލަ 300 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު އޭގެތެރެއިން 100 ލިޔަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 170 މިލިޔަން ޑޮލަރަކީ ލޯނު އެހީއެވެ. މިމަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިޔަން ޑޮލަރުވަނީ ޚަރަދުކޮށްފައެވެ.








.jpg?w=3840&q=75)