



.jpeg?w=3840&q=75)




ތިލަފުށީގައި ތަރައްގީކުރާ އާ ޕޯޓުގެ އިމާރާތްތަކާއި ވަސީލަތްތައް ފަރުމާކޮށް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފި އެވެ.
އެމްޕީއެލް އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ތިލަފުށި ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ތިލަފުށީ ޕޯޓުގެ އޮޕަރޭޝަނަލް އަދި އިދާރީ އިމާރާތްތަކާއި، ކާގޯ ހޭންޑްލިން، ވެއާހައުސިން، ޔުޓިލިޓީ، ސަލާމަތީ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ފަރުމާކޮށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތިލަފުށީ ޕޯޓު ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ ޑީޕް ވޯޓާ ކޮންޓެއިނާ ޓާމިނަލަކާއި މަލްޓި ޕާޕަސް ކާގޯ ޓާމިނަލަކާއި ޑޮމެސްޓިކް ކާގޯ ޓާމިނަލެއްގެ އިތުރުން އަތޮޅުތެރެއަށް ހާއްސަ ވެއާ ހައުސިން ޒޯނަކާއި ލޮޖިސްޓިކްސް ޒޯންތައް ހިމެނޭ ފުރިހަމަ ޕޯޓެއް ގާއިމުކުރުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ވެސް އެމްޕީއެލްއިން ހުޅުވާލާފައިވެއެވެ. ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ކުރިމަތިލާނަމަ ލީޑް ޕާޓްނަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް އިއުލާންގައިވެއެވެ.
މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިމާރާތްތަކާއި އިންޑަސްޓްރިއަލް ފެސިލިޓީތަކާއި ގުދަންތަކާއި ޔުޓިލިޓީ އިންފްރާސްޓްރަކްޗާ ނުވަތަ ޕޯޓާ ގުޅޭ މިފަދަ ބޮޑެތި މަޝްރޫއުތައް ފަރުމާކޮށް އިމާރާތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށާއި އެފަދަ ބޮޑު މަޝްރޫއެއް ހިންގޭނެ މާލީ އަދި ފަންނީ ގާބިލުކަން ހުރިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
މި މަޝްރޫއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ފެށޭ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށްވެސް އެމްޕީއެލްގެ އިއުލާނުގައިވެއެވެ. އެ މުއްދަތުގެ ކުރިން ލިޔެކިޔުންތައް އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި އެ ކުންފުންޏައް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައިވެއެވެ.




.jpeg?w=3840&q=75)