


.jpeg?w=3840&q=75)




ސިޑިން އެރުން ނުވަތަ ގޭތެރެ ސާފުކުރުން ފަދަ އާންމު މަސައްކަތްތަކަކީ ހަށިގަނޑަށް ކަސްރަތު ލިބި، މީހާގެ މޫޑު ރަނގަޅުކޮށްދޭނެ ކަންކަން ކަމަށް ސިއްހީ މާހިރުން ލަފާދޭ.
ސިޑިން އެރުމާއި ގޭތެރޭގެ މަސައްކަތް ކުރުން ފަދަ އާންމު ހަރަކާތްތަކަކީވެސް ފައިދާހުރި ކަސްރަތެއް ކަމަށާއި، މީގެ ސަބަބުން މީހާގެ މޫޑު ރަނގަޅުކޮށްދީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ސިއްހީ މާހިރުން ބުނެފިއެވެ.
ހެލްތްލައިންގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން، ކޮންމެހެން ޖިމަށް ގޮސް ބަރު އުފުލުމުގެ ބަދަލުގައި ދުވަހުގެ އާންމު ދިރިއުޅުމުގައި ކުރެވޭ ކުދިކުދި މަސައްކަތްތަކުންވެސް ހަށިގަނޑަށާއި ސިކުނޑިއަށް ބޮޑެތި ފައިދާތަކެއް ލިބެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގޭތެރެ ފޮޅައި ސާފުކުރުމާއި، ކުނިކެހުމާއި، މޮޕްލުން ފަދަ ކަންކަމަކީ ހަށިގަނޑު ހަރަކާތްތެރިކުރުވާ ކަންކަމެވެ. އަދި ލިފްޓު ބޭނުންކުރުމުގެ ބަދަލުގައި ސިޑިން އެރުން ފަދަ ކަންކަމުގެ ސަބަބުން ހިތުގެ ތެޅުން އަވަސްވެ، ހަށިގަނޑުން 'އެންޑޯފިންސް' ނުވަތަ އުފާވެރިކަން ގެނެސްދޭ ހޯމޯންތައް އުފައްދައިދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މީހާގެ ހާސްކަމާއި ފިކުރުބޮޑުވުން (ސްޓްރެސް) ކުޑަކޮށްދީ، ހިތްހަމަޖެހުން ގެނެސްދެއެވެ.
މަސައްކަތް ބުރަވެގެން ކަސްރަތު ކުރަން ވަކިން ވަގުތު ނުލިބޭ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި، ދުވާލެއްގެ މައްޗަށް ކޮންމެވެސް ވަރަކަށް ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން ދިރިއުޅުމުގެ އާދަތައް ބައްޓަންކުރާއިރު މިފަދަ ކުދިކުދި ހަރަކާތްތަކަށް އިސްކަންދިނުން މުހިންމެވެ.



.jpeg?w=3840&q=75)
