


.jpeg?w=3840&q=75)




-
މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
މި ޕްރޮގްރާމުގައި ޖުމްލަ 264 ކަނބަލަކު ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. އެގޮތުން 2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުޙީބަށް ބަލައި މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތު ކުރުމުގެ އިތުރުން، ސައިކަލަށް ދިމާވާ ޢާންމު މައްސަލަތައް ޙައްލުކުރާނެ ގޮތްތައް މިފަހަރުގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 3 މަސްދުވަހަށް އެކި ބެޗްތަކަށް ބަހާލައިގެންނެވެ.
އެޗްޑީސީން މަޢުލޫމާތު ދިން ގޮތުގައި، އެމްއައިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތްތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނަށް އަމާޒުކޮށްގެންވެސް މިފަދަ ހުނަރުވެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



.jpeg?w=3840&q=75)




