


.jpeg?w=3840&q=75)




-
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީ އޮޅުވައިލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލަ އެ އޮފީހުން ބަލައިގެންފިއެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ދައުވާކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުށަހެޅުމުން އެ މައްސަލަ މިހާރު ވަނީ ބަލައިގެންފައެވެ.
އަދި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ މިހާރު ދަނީ ފަންނީ ގޮތުން ދިރާސާކުރަމުން ކަމަށާއި، މި މައްސަލައިގައި އަޅާ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމެވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރަކުންނެވެ. ލާމަރުކަޒީ ޤާނޫނުގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ކަނޑައަޅާފައިވާ އެއް ޝަރުތަކީ އެ ރަށެއްގެ އާބާދީ މަދުވެގެން 10,000 އަށްވުރެ އިތުރުވުމެވެ.
ނަމަވެސް މި މައްސަލައިގައި ތުހުމަތުވާ ގޮތުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިއިރު އެ ރަށުގެ އަސްލު އާބާދީއަކީ 8،000 މީހުންނެވެ.
މި މައްސަލައިގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާއަށް ވަދެ ގިނަ ލިޔެކިޔުންތަކެއް ގެންގޮސްފައެވެ. މީގެއިތުރުން ފުލުހުންގެ އިދާރާއަށް މޭޔަރު ސައުދު އަލީ ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ސައުދު ވަނީ އާބާދީ އޮޅުވައިލި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. މި މައްސަލައިގައި މޭޔަރު ސައުދުގެ އިތުރުން އެހެން ބައެއްގެ މައްޗަށް ދައުވާކުރަން ފުލުހުން އެދިފައިވޭތޯ އަދި ކަށަވަރެއް ނުވެއެވެ.



.jpeg?w=3840&q=75)


.jpeg?w=3840&q=75)

