





.jpeg?w=3840&q=75)


-
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވި ކަންކަމުގެ އަލީގައި ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އެ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގެ ލާބައާއި މަންފާއަށް ކަމަށާއި، މިފަދަ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައިވެސް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބައިވެރިންނާ މުޚާޠަބުކުރައްވައި ޢަލީ ޒުހައިރު ވިދާޅުވީ، "ތި ބޭފުޅުންނަކީ މި ޝަހަރުގެ ލީޑަރުން. މުޖުތަމަޢުއަށް ދިމާވާ އެކި އެކި ކަންކަމުގައި، ޚާއްސަކޮށް ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާ، ތިބޭފުޅުންގެ ވިލުންތެރިކަން ދައްކާދޭނެކަމަށް އަޅުގަނޑު އުންމީދުކުރަން."
މީގެއިތުރުން، އެމްއައިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގުނު މި ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެންވެސް މިފަދަ ފުރުޞަތުތައް ފަހިކޮށްދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.








