
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


-
ކ. ހުރާ ރަށު ކައުންސިލާ ގުޅިގެން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ޒަކާތަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އިއްޔެ އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމުގެ ދަށުން އެ ރަށުގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ރޭ ބޭއްވި މަޢުލޫމާތު ސެޝަނުގައި، އިސްލާމްދީނުގައި މުދަލު ޒަކާތަށް ދެއްވާފައިވާ އަހަންމިއްޔަތާއި ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޒަކާތް ނެރެންޖެހޭ މުދަލާއި، ޒަކާތުގެ މިންވަރު ހިސާބުކުރާނެ ގޮތްތަކާއި، ރާއްޖޭގެ ޒަކާތުގެ ނިޒާމު ބައްޓަންވެފައިވާ ގޮތުގެ އިތުރުން ޒަކާތު ފަންޑުން ފޯރުކޮށްދޭ އެހީތަކާ ގުޅޭގޮތުން ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން އިއްޔެ މެންދުރުފަހު ހުރާ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައިވާއިރު، އިއްޔެ ހަވީރު ވަނީ އެ ރަށުގެ ބައެއް ވިޔަފާރި މަރުކަޒުތަކަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިންނަށް މުދަލު ޒަކާތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްފައެވެ. އަދި އިއްޔެގެ މަޣްރިބް ނަމާދަށްފަހު، އެ ރަށު މަސްޖިދުލް ޒިންނޫރައިންގައި ޒަކާތުގެ ޝަރުޢީ ޙުކުމްތަކާ ގުޅޭގޮތުން ޚާއްޞަ ދަރުހެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަރުސް ދެއްވީ ޒަކާތު ހައުސްގެ ވާޢިޡު މުޝްރިފް، އައްޝައިޚް ޢިއްޒައްދީން އަދުނާނެވެ.
ހުރާ ކައުންސިލާއި ހުރާ ސްކޫލް މެނޭޖްމަންޓުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތްތަކަށް އެ ދެ އިދާރާއިންނާއި އެ ރަށުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ ތަރުޙީބާއި އެއްބާރުލުން ފާހަގަކޮށް، ޒަކާތު ހައުސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

%20(1).jpeg?w=3840&q=75)


