








ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަންކުރެވުނު އަލްފާޟިލް ޝުޢައިބު ޔޫސުފް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްފާޟިލް ޝުޢައިބު ޔޫސުފް މިއަދު ޢައްޔަނުކުރައްވައިފިއެވެ.
އަލްފާޟިލް ޝުޢައިބު ޔޫސުފް މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝުޢައިބު ޔޫސުފް ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.
ޝުޢައިބު ޔޫސުފަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢައިބު ޔޫސުފާ ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އަދި ފަސް އަހަރުގެ މުއްދަތަށް އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.







