








-
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ، އޮސްޓްރޭލިއާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް މިލްޓަން ޑިކްއާ ބައްދަލުކުރައްވައިފިއެވެ.
އެމަނިކުފާނު މިލްޓަން ޑިކްއާ ބައްދަލުކުރައްވާފައިވަނީ ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓްރީ ސްޕީކާސް ކޮންފަރެންސް (އައި.އެސް.ސީ) ގެ ހަވާސާގައެވެ.
މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާމެދު ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1974 ވަނަ އަހަރުއެވެ. ޚާއްޞަކޮށް ތަޢުލީމާއި، މެރިޓައިމް އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއް ދަމަހައްޓަމުން އަންނައިރު، ބައިނަލްއަޤްވާމީ މުއާހަދާތަކާއި މައިދާންތަކުގައިވެސް ދެ ޤައުމުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.
މި ކޮންފަރެންސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫޢަށް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.








