








-
ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަރުޙަލާގެ ތެރެއިން، މިނިސްޓްރީން ދީފައިވާ ނޯޓިހުގައިވާ މަޢުލޫމާތު ޞައްޙަ ނޫންނަމަ އެކަމުގެ ތަފްޞީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ދޭ މުއްދަތު އިތުރުކޮށްފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި، ކުރިން ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެޕްލިކަންޓުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިނިސްޓްރީން މިހާރު ވަނީ މި މުއްދަތު 21 ދުވަހަށް އިތުރުކޮށްދީފައެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ 21 ދުވަހުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ އެޕްލިކޭޝަނަކީ ޝަރުޠު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގައި މިހާރު ވަނީ ޚާއްޞަ ހެލްޕް ޑެސްކަކާއި ކޯލް ސެންޓަރެއް ޤާއިމުކޮށްފައެވެ. އެގޮތުން ކޯލް ސެންޓަރުގެ ނަންބަރު 4004-900 މެދުވެރިކޮށް އަދި ހެލްޕް ޑެސްކުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް ޚިދުމަތް ލިބޭނެއެވެ.
ބޯހިޔާވަހިކަމުގެ މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 އެޕްލިކޭޝަނާއި ބިމަށް އެދި ހުށަހެޅި 22،575 އެޕްލިކޭޝަނެވެ.







.jpeg?w=3840&q=75)
.jpg?w=3840&q=75)