






%20(3).jpeg?w=3840&q=75)

-
"ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" ގެ ބައިވެރިންނަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތައް ހިނގާގޮތް ޢަމަލީ ގޮތުން ދައްކާލައިފިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ހަރަކާތްތައް ދައްކާލުމަށް އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ދަތުރުގެ ތެރެއިން ސިޑްސް ފޯރަމްގެ މަންދޫބުންނަށް ވަނީ މާލޭ މަސް މާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މިފްކޯގެ ކަނޑުއޮތްގިރި ފެސިލިޓީ ދައްކާލާފައެވެ.
މާލޭ މަސް މާރުކޭޓަށް ކުރި ޒިޔާރަތުގައި، މަސްވެރިކަމުގެ ސިނާޢަތުގައި މާރުކޭޓުގެ މުހިންމު ދައުރާއި، ރާއްޖޭގެ ސަގާފީ މަސްވެރިކަމާއި ބާޒާރުގައި މަސް ވިއްކުމުގެ ކަންކަން ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ވަނީ ދީފައެވެ. އަދި ދަތުރުވެރިންގެ މާރުކޭޓުން، ރަށްރަށުގެ ދަނޑުވެރިކަމާއި އެހެނިހެން އުފެއްދުންތައް ވިއްކައިގެން އާންމުންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ކުރާ ފައިދާތައް ބައިވެރިންނަށް އޮޅުންފިލުވައިދިނެވެ.
މީގެ އިތުރުން، މިފްކޯއިން ހިންގާ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތަކާއި، ދާދިފަހުން އެ ރަށުގައި ހުޅުވި ޒަމާނީ ހިކިމަސް ކާރުޚާނާގެ މަސައްކަތްތައް ބައިވެރިންނަށް ދައްކާލިއެވެ. އެގޮތުން މަސް ކިރުވުމުން ފެށިގެން އުފެއްދުންތައް ބަންދުކުރުމާ ހަމައަށް ހިނގާ މަރުހަލާތަކާއި، ކޮލިޓީ ކޮންޓްރޯލް ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލު ވަނީ ހިއްސާކޮށްފައެވެ.
މި ޒިޔާރަތަކީ މި މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްދިޔަ ސިޑްސް ޖީބީއެން ފޯރަމާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި ބޭއްވުނު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ދުނިޔެއަށް އިޝްތިހާރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.








