





.jpeg?w=3840&q=75)


ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ މަޝްރޫއުގެ ދަށުން 91 ބައިވެރިން ދަސްވެނިވުމުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މަޝްރޫއުގެ ދަށުން 5 ވަނަ ބުރުގެ 91 ބައިވެރިން ދަސްވެނިވެއްޖެ އެވެ.
މިއަދު ހެނދުނު މި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ހާއްސަ ރަސްމިއްޔާތު އިސްލާމީ މަރުކަޒުގައި ބޭއްވިއިރު، ބައިވެރިންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ޕްރޮގްރާމުގެ 5 ވަނަ ބުރުގެ ދަށުން މިހާތަނަށް ޖުމްލަ 712 ޒުވާން ހަތީބުން ތަމްރީނުކޮށް ނިންމާފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން ޒުވާން ޖީލަށް ދީނީ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ހުކުރު ކުރުމާއި ހުތުބާ ކިޔާނެ ހަތީބުން ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނެފައިވަނީ ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ފުރުސަތު ހާއްސަކޮށްފައިވަނީ ގްރޭޑް 10، 11 އަދި 12 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކަމަށެވެ. އަދި ސްކޫލު ނިމިފައިވާ 18 އަހަރުން ދަށުގެ ކުދިންނަށްވެސް ތަމްރީން ކުރުމުގެ ފުރުސަތު ފަހިވެގެންގޮސްފައިވެ އެވެ.
މީގެއިތުރުން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅައިގެން ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
2024 ވަނަ އަހަރު ފެށި މި ކާމިޔާބު ޕްރޮގްރާމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ މި ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1،000 ޒުވާން ޚަތީބުން ތަމްރީނުކޮށް މުޖުތަމައަށް ނެރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި މި ޕްރޮގްރާމުގެ ބުރުތައް ރާވާ ހިންގަމުންކަން ފާހަގަކޮށްލަން ޖެހެ އެވެ.








