








އައްޑޫ ސިޓީ ފޭދޫ:-
އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ، ހާލުދެރަވި ބައެއް ކުދިންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ކެޑޭޓް ކޭމްޕުގައި ހިނގައިދިޔަ މި ހާދިސާ އެ ކޮމިޝަނުން އަންނަނީ ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ނުހަނު ޙައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙްޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި މިބާވަތުގެ ނުރައްކާތެރި ކަންކަން ތަކުރާރު ނުވާނޭ ފަދަ ގޮތަކަށް އިންތިޒާމުތައް ބައްޓަންކޮށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަންކަން މެދުނުކެނޑި ބަލަހައްޓަމުން ގެންދިއުމަށްވެސް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށާއި، މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހަތް ކުއްޖަކަށް ދަނީ ފަރުވާ ދެމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިވެފައި ވަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނެވެ. އަދި ފެންނަމުންދާ މައިގަނޑު އަލާމާތްތަކަކީ ބޭރަށްހިންގުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުމެވެ.
ހޮސްޕިޓަލުން ބުނީ އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި، ކުދިންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.







.jpg?w=3840&q=75)
