.jpg?w=3840&q=75)








އެޗްއާރްސީއެމް
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދައެއް ނެތި ވަދެ، ދޫނިދޫ ކައިރީގައި އަޅާފައި އޮއްވައި އޮޔާގޮސް ބްރިޖުގައި ޖެހުނު ބޭރުގެ ދެ ބޯޓުގައި ތިބި ފަޅުވެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައި ނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. އޯމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ މި ދެ ބޯޓު، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު މާލެ ކައިރީގައި އަޅާފައި އޮތުމަށްފަހު، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައީ މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މިކަން ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ މެއި މަހުގެ 9 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަށަވަރުކޮށްދެއްވާފައެވެ.
މި ދެ ބޯޓު ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮއްވައި، ރޭ 10 ޖަހާކަށްހާއިރު އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ގޮސް ވަނީ އޮޔާ ގޮސްފައެވެ. އަދި ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށް އެންމެ ފުރަތަމަ އުރުމަށްފަހު، ބޯޓު ވަނީ ސިނަމާލެ ބްރިޖުގައި ވެސް ޖެހިފައެވެ.
އެޗްއާރްސީއެމުން ބުނީ މި މައްސަލައަކީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުންދާ މައްސަލައެއް ކަމަށެވެ. އެގޮތުން، މި މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ އުޅަނދުގައި ބޯފެނާއި ކާތަކެތި އަދި އަސާސީ ސާމާނު ހުސްވެފައިވާ ކަމަށް ބުނެ އޭގައި ތިބި ފަޅުވެރިންގެ ފަރާތުން ކަމަށް އެޗްއާރްސީއެމުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން އުޅަނދުގައި ތިބި ފަޅުވެރިންގެ ސިއްހީ ހާލަތާއި، ކެއިންބުއިމާއި އަސާސީ އެހެނިހެން ބޭނުންތައް ފުރިހަމަވެފައިވޭތޯ ކޮމިޝަނުން ވަނީ ބަލައިފައެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހައްގުތައް ކަށަވަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ރާއްޖެއިން ކަނޑައަޅާފައިވާ އެޖެންޓާ ގުޅިގެން ޖުލައި މަހުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
.jpg?w=3840&q=75)







.jpg?w=3840&q=75)