
ތިނަދޫ އާބާދީ 60 ޖަލްސާގައި ކުރީގެ ރައީސް އަބްދުالله ޔާމީން ވާހަކަފުޅުދައްކަވަނީ ---ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ ސިޓީގެ ތާރީހުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި ނުވަތަ އިންގިލާބެއްގައި މުޅި ރަށުގެ ރައްޔިތުން އެކީގައި އެ ތަކުލީފު އުފުލަންޖެހޭ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ތިނަދޫ ސިޓީ ދެ ވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތިނަދޫ ރައްޔިތުން ކުރެއްވި ވޭނާ، ހިނގާދިޔަ ލާއިންސާނީ އަމަލުގައި ތިނަދޫގެ ރައްޔިތުންނާއެކު ރައީސް ޔާމީންގެ ހިތް އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ ތިނަދޫގެ ރައްޔިތުން އެ ހިތާމަތަކާއެކު ދެއްކި ސާބިތުކަމަކީ ދިވެހި ތާރީހުގައި ފެނިގެންދިޔަ ގައުމީ ވަރުގަދަ ޖިހާދެއް ކަމަށެވެ.
މިކަމުގައި އިންސާފު ގާއިމުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ހިތާމައިގައި ބައިވެރިވެ، ރައްޔިތުންގެ ވަރުގަދަ އަޒުމަށް ހިތްވަރުދޭން ބޭނުންވާ ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ޖިހާދަކީ ހަމައެކަނި ކަނޑިއާއި ބަޑި ހިފައިގެން ކުރާ ކަމެއް ނޫން ކަމަށާއި، ބަޔަކު ގަބޫލުކުރާ ފަލްސަފާއަކާއި ހަމަތަކެއް ގާއިމްކުރުމަށް ވެރިކަމުގައި ތިބި ބަޔަކާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ ވަރުގަދަ ޖިހާދެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ތިނަދޫ އާބާދުވިތާ 60 އަހަރު ފުރިގެންދިޔައިރު، ލިބުނު ބޮޑު ގެއްލުމާއެކުވެސް ރަށުގެ ރައްޔިތުންގެ އަޒުމަކަށް ބަދަލެއް ނާންނަކަމަށެވެ. އަދި މުޖުތަމައުއަކަށް މިފަދަ ބޮޑެތި ބަދަލުތައް އައުމުން ފެންނަނީ ދެ ވައްތަރެއްގެ އަމަލުތައް ކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އެއީ މާޔޫސްވެ މަސައްކަތް ހުއްޓާލައިގެން ތިބުން ނުވަތަ އަލުން ތެދުވެ ރަށް އާރާސްތުކުރުމުގެ މަސައްކަތް ކުރުން ކަމަށާއި، ތިނަދޫން ދެއްކީ ރަށުގެ އާބާތުރަ ފިލުވައި ކުރިއަށް ދިއުމުގެ ވަރުގަދަ މިސާލު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން އެ ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން އެކި ފަންނުތަކާއި ދާއިރާތަކުން ގިނަ އަދަދެއްގެ އިލްމީ ބޭފުޅުން ތިނަދޫއިން އުފަންވެފައިވާކަމީ މުޅި ރަށުގެ ރައްޔިތުން ފަޚުރުވެރިވާނެ، އަދި ތައުރީފާއި މަރުހަބާ ހައްގު ކަމެއްކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
ތިނަދޫއަށް ދިމާވި ހިތްދަތި ކަންކަމަށް ބަލައި، ވެރިކަން ކުރައްވާފައިވާ ލީޑަރުންނާއި ދައުލަތް ހިންގަން ތިބޭ ކޮންމެ ސަރުކާރަކުން ވެސް ތިނަދޫއާ ދޭތެރޭ ހާއްސަ އެހީތެރިކަމެއް ބެހެއްޓުމަކީ މަޖުބޫރު ކަމެއް ކަމަށާއި، އެކަން ކޮށްދިނުމަށް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)










