
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން، މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހުގެ މުއްދަތަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް (ސަސްޕެންޑް ކުރުމަށް) ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޤާޟީ ޢަބްދުﷲ އިޙްސާންގެ މައްޗަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ، ކޮމިޝަނުގެ ތަޙްޤީޤީ އިޖުރާޢަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. އެގޮތުން ޤާޟީ އިޙްސާންގެ ބަޔާން ނެގުމުގެ އިތުރުން، މި ތަޙްޤީޤަށް ބޭނުންވާ އެހެނިހެން ފަރާތްތަކުގެ ބަސްވެސް ހޯދާފައިވާ ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، ޤާޟީ އިޙްސާން ވަގުތީގޮތުން މަސައްކަތުން އެކަހެރިކުރަން ނިންމީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އޭނާ މަޤާމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަޙުޤީޤަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީއެވެ. އަދި މި ނިންމުމަކީ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މީގެއިތުރުން، ޤާޟީ އިޙްސާން ސަސްޕެންޑްކުރަން ނިންމި ނިންމުމާ ގުޅުވައިގެން، މިހާރު ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެހެން މައްސަލައަކާ ގުޅުވައިގެން ބައެއް މީޑިއާތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ އެކަން ސަމާލުކަމަށް ގެންނަވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.












