
ފީފާގެ ރައީސް އިންފަންޓީނޯ (އ) އަދި ކެވިން ލަރޯމް..
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ހިޔާލު ތަފާތުވެ، އިންފަންޓީނޯގެ ޕްލޭނަށް ފާޑުކިއުމުން އިދާރާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ކެވިން ލަމޯރް މަގާމުން ވަކިކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނަގޮތުގައި، ލަމޯރް މަގާމުން ވަކިކޮށްފައި މިވަނީ، ދާދި ފަހުން ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކުމަށް އިންފަންޓީނޯ އެކުލަވާލި ޕްލޭނަށް އޭނާ ވަރަށް ބޮޑަށް ފާޑުކީތާ ތިން ހަފުތާވެސް ނުވަނީހެވެ.
މިކަމާ ގުޅިގެން ފީފާގެ ތަރުޖަމާނަކު އާންމުކުރި ބަޔާނެއްގައި ވިދާޅުވީ ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ ގޮތުގައި ހުރި ކެވިން ލަމޯރް އާއެކު އޮތް މަސައްކަތުގެ ގުޅުން އިއްޔެ ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހު އޭނާ ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރަމުން، މުސްތަގުބަލުގައި އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ފީފާގެ މުވައްޒަފުންނަށް މި ހަބަރު ދީފައިވަނީ ހޯމަ ދުވަހުގެ ހަވީރު އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޮމް ފޮނުވި އީމެއިލެއްގައެވެ. އެ އީމެއިލްގައި ބުނީ ފީފާ އާއި ލަމޯރް ވަކިވާން "އެއްބަސްވެއްޖެ" ކަމަށެވެ.














