
އާސެނަލްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..
އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލް އިން 11 ވަނަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.
ކާޑިފްގެ ޕްރިންސިޕަލިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ މިނެޓުތެރޭގައި އާސެނަލް އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދިއިރު، މިއީ ކޮމިއުނިޓީ ޝީލް މެޗެއްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ އިޓަލީ ޑިފެންޑަރު ރިކާޑޯ ކަލިފިއޮރީ އެވެ.
އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ޖަރުމަނު ފޯވާޑް ކައި ހަވާޓްޒް ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އާސެނަލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
އާސެނަލްގެ ލަނޑަށްފަހު މެންޗެސްޓާ ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރުލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިއީ ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ ދޫކޮށްލިފަހުން އެޓީމާއި ހަވާލުވި އެންޒޯ މަރެސްކާގެ އިރުޝަދުގެ ދަށުން ސިޓީ ކުޅުނު ފުރަތަމަ މެޗެވެ.












