
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން --
ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އިއްޔެ އޮތް މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި، ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް އާއި، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ނަހުޒާ ޙަސަންގެ އިތުރުން ކައުންސިލްގެ ރީޓެއިންޑް ކައުންސެލްގެ ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކުޅުދުއްފުށި ސިޓީގައި ދިމާވެފައިވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. އަދި ޓްރެފިކް ބެލެހެއްޓުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
މީގެއިތުރުން، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކައުންސިލާއި ފުލުހުން ގުޅިގެން ވަސީލަތްތައް ޝެއާކޮށް، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.










