
22-e1646732229108
ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނަކީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.
އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.











