
ދަ ކްރެސެންޓް ޓަވަރ އިފްތިތާހްކޮށްފި
ރެޑް ކްރެސެންޓުން 14 ފަންގިފިލާ އަށް ތަރައްގީކުރާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ މިރިހި މަގުގައި ހުންނަ ދިވެހި ރެޑް ކްރެސެންޓްގެ އަމިއްލަ ބިމުގަ އެވެ.
ފޮލޯ އޭރިއާގެ ބޮޑުމިނުގައި ޖުމްލަ 70،000 އަކަފޫޓު ހުންނަ މި އިމާރާތުގައި ދިވެހި ރެޑް ކްރެސެންޓުގެ މައި އޮފީހާއި ކޮމިއުނިޓީ ހޯލުގެ އިތުރުން، ކެފޭ، ބިޒްނަސް ލައުންޖް، ޖިމް، ކިޑްސް ކްލަބް އަދި އޮފީސް ޖާގަ ހިމެނެ އެވެ. އަދި އެހެނިހެން ވަސީލަތްތައްވެސް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއުގެ ފައިނޭންޝަލް އެޑްވައިޒާ އަދި ޕްރޮޖެކްޓް މެނޭޖަރުގެ ދައުރު އަދާކުރުމަށް ހަމަޖައްސާފައިވަނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނެވެ.
ފަސްޓް ނޭޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ ފައިނޭންސްގެ ދައުރު ބެލެންސް ޝީޓަށްވުރެ ފުޅާވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރާއި، އަމިއްލަ ފަރާތްތައް އަދި ޚައިރާތީ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަކަށް މި މަޝްރޫއުއަށް ފައިނޭންސް ހޯދަން ހިޔާރުކޮށްފައިވާނެ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން މުސްތަގުބަލުގައި އިޖުތީމާއީ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
މި މަޝްރޫއުގައި ބައިވެރިވުމަށް ޖުމްލަ 4 ގޮތަކުން ފުރުސަތު ހުޅުވާލާފައިވާއިރު، އެއީ ޑޮނާއެއްގެ ގޮތުން، ނުވަތަ ވަކިވަކި ފްލޯތައް ލީސްކުރުމުގެ ގޮތުން، ފައިނޭންސްކުރުމުގެ ގޮތުން، ނުވަތަ މަޝްރޫއުގެ ވަކިވަކި ބައިތައް ސްޕޮންސާކުރުމުގެ ގޮތުންނެވެ.
މީގެއިތުރުން 1،000 ރުފިޔާގެ ޑޮނޭޝަނާއެކު ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ ގޮތައް ހުޅުވާލާފައިވާއިރު، ކޯޕަރޭޓް ސްޕޮންސާޝިޕްގެ ގޮތުގައި 500،000 ރުފިޔާގެ ޑޮނޭޝަނެއްގެ ދެވިދާނެކަމަށާއި، މިފަދަ ޑޯނަރޒްގެ އަގު ވަޒަންކޮށް ރިކޮގްނިޝަން ވޯލްގައި އެ ފަރާތްތަކުގެ ނަން ހިމެނިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
ދަ ކްރެސެންޓް ޓަވަރގައި ޕާޓްނާވުމަށް ހުޅުވާލުމަށް މިއަދު ރަސްމީކޮށް ބޭއްވި ހަފްލާގެ ތެރެއިން، އެންމެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ބައިވެރިވެފަ އެވެ.
މި މަޝްރޫއުގެ އިތުރު މައުލޫމާތު ހޯދުމަށް ޝައުގުވެރިވާ ފަރާތްތައް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުުރުމަށް ވެސް މިއަދު ވަނީ ހުޅުވާލާފަ އެވެ. އަދި މި ވެބްސައިޓުން، މަޝްރޫއުއާބެހޭ އިތުރު މަޢުލޫމާތާއި، ޑިޒައިން ކޮންސެޕްޓާއި، މަޝްރޫޢުގައި ބައިވެރިވުމަށް ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ލިބެން ހުންނާނެކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.
ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތްތަކަށް އެހީތެރިވެދޭ މުސްތަޤިއްލު، ހިލޭ ސާބަހަށް މަސައްކަތްކުރާ މި ޖަމްއިއްޔާ އުފެދިފައިވަނީ 16 އޮގަސްޓު 2009 ވަނަ އަހަރު އެވެ. އަދި މި ޖަމިއްޔާއިން ވޭތުވެދިޔަ 17 އަހަރު ގައުމީ ފެންވަރުގެ ބޮޑެތި ހަރަކާތްތައް ހިންގާ، އާންމު ސިއްހަތާއި ކުއްލި ނުރައކަލުގެ ހާލަތްތަކުގައިވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވެ އެވެ.










