ނުރުހުމުގައި ދައުލަތަށް ކުއްޖަކު ނެގިކަމަށް ބުނާ މައްސަލައިގާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހދ އަތޮޅަށް ޒިޔާރަތްކޮށްފިއެވެ.
މިއީ އުމުރުން 25 އަހަރުގެ އަންހެނަކު މިމަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހާމަކުރި ޕޯސްޓަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި ދައުލަތަށް އެކުއްޖާ ނެގިކަން އަންގައި ފޮނުވި ސިޓީގައި އަންހެން މީހާގެ އަތުގެ ނުކުޅެދުންތެރިކަމެއް ހުރުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އެހީވާނެ އާއިލާގެ އިތުރު މީހަކު ނެތުމުން އެ ކުއްޖާ ދަތުލަތަށް ނަގަން ނިންމީ ކަމަށް ބުނެފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ހޫނުވެ، މިނިސްޓްރީން އެކަމާގުޅިގެން ބަޔާނެއް ނެރެފައިވަނިކޮށް، އާންމު މީހަކު އެޗްއާރުސީއެމް އަށް ވަނީ އެ މައްސަލަ ހުށަހަޅާފައެވެ. އަދި އެ ކޮމިޝަނުން މި މައްސަލަ ބަލަމުންދާއިރު، އެ ކޮމިޝަންގެ ޓީމަކުން އިއްޔެ ވަނީ ޖެންޑަރ މިނިސްޓްރީއަށް ގޮސް ކުއްޖާ ދައުލަތަށް ނެގުމާއި ގުޅޭ ލިޔެކިޔުންތަކާއި ގުޅޭ މައުލޫމާތު ހޯދާފައެވެ.
އެޗްއާރުސީއެމް އިން ބުނީ މި މައްސަލައިގާ ހދ. އަތޮޅުގައި އެ ކޮމިޝަނުގެ ޓީމެއް ހަރަކާތްތެރިވަމުންދާނެ ކަމަށާއި ކުއްޖާގެ މަންމަ އާއި މާމަ އާ ބައްދަލުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައިވާ ކަމަށެވެ.










