
ސާކް-އޭއޭގެ ރައީސްކަމަށް އިންތިހާބުވި ޑރ އަސަދު މުހައްމަދު ޝަހީދު
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސްކަމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބްވެވަޑައިގެންފިއެވެ.
ޑރ. އަސަދު އިންތިޚާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމެކެވެ. އަދި ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.
މި ލީޑަޝިޕް ދައުރުގެ ސަބަބުން ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުންދިނުމާއި، ދިރާސާކުރުމާއި، އަދި ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭއިރު، ސާކްގެ މެންބަރު ޤައުމުތަކުގައި ހުރި ފަންނީ ޤާބިލުކަމާއި ވަސީލަތްތަކުގެ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުތައް ފަހިވެގެންދާނެއެވެ.
ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، އަދި ޚާއްޞަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުޞަތުތައް ދިވެހިރާއްޖެއަށް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
ޑރ. އަސަދު މި މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ދިވެހިރާއްޖެއިން ޚާއްޞަ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޤާބިލު ސިއްޙީ މަސައްކަތްތެރިންގެ ޓީމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ދެ އަހަރު ދުވަހުގެ ރައީސްކަމުގެ ދައުރަކީ ސަރަހައްދީ ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޕޮޒިޝަން ކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.










