
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް
މަޖިލީހުގެ ތަޅުމަކީ ހިތުހުރި އެއްޗެއް ގޮވުމަށް އޮތް ތަނެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން ބައެއް ހާލަތްތަކުގައި އެ މެންބަރުން ވެއްޓޭ ފެންވަރަށް ވެއްޓިގެން ނޫނީ ރައްދު ދެވެން ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނައިބު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.
މި ބިލަށް ބަހުސްކުރައްވަމުން ސަރުކާރުގެ މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީގެ މެންބަރުން ވަނީ ދިވެހި ކުންފުނިތަކަށް ހަގީގީ ފައިދާއެއް ކުރާނީ އެ ފަރާތްތަކަށް ސަރުކާރުން ދޭންޖެހި ނުދެވި ހުރި ފައިސާތައް ދައްކައި ޚަލާސްކޮށްގެންކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން ބޭރު ކުންފުނިތަކުން ނަގާ ޓެކްސް އިތުރުކުރި ނަމަވެސް، ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރުމަށްފަހު، އެ ކުންފުނިތަކުން އަނެއްކާވެސް ބޭރުގެ ފަރާތްތަކަށް އެ މަސައްކަތްތައް ދޭނަމަ، ދިވެހި ކުންފުނިތަކަށް އޭގެ އެއްވެސް މަންފާއެއް ނުކުރާނެ ކަމަށް އެމްޑީޕީ މެންބަރުން ފާހަގަކުރިއެވެ.
މިކަންކަމަށް ފާޑުވިދާޅުވެ، ސަލީމް ވަނީސަރުކާރުން ހުށަހެޅި މި ބިލަކީ ބޭރުގެ ކުންފުނިތަކުގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭދަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސަލީމް އިތުރަަށް ވިދާޅުވީ މި އިސްލާހުގެ ސަބަބުން މުޅި ގައުމުގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކީ ކިތަންމެ ފައިދާހުރި ބިލެއް ނަމަވެސް، އެއީ ގޯސް އެއްޗެއްގެ ގޮތުގައި ދެއްކުމަށް އިދިކޮޅު މެންބަރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.










